
މި މަގާމަށް އައްޔަންކުރައްވާފައިވަނީ ޚާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބަދޫރާ ސައީދެވެ. އޭނާއަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމެވެ.
ޖިއްދާގައި ހުންނަ ރާއްޖޭގެ ކޮންސިއުލް ޖެނެރަލްގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން، ބަދޫރާ ހުންނެވީ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމުގައެވެ.
ބަދޫރާއަކީ 1988 ވަނަ އަހަރުން ފެށިގެން ފޮރިން މިނިސްޓްރީގައި މެދުކެނޑުމެއްނެތި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ވަނީ ޚާރިޖީ ޚިދުމަތުގައި ގިނަ އަހަރުތަކެއް ހޭދަކުރައްވައި، މުހިންމު ޒިންމާތަކެއް އުފުއްލަވާފައެވެ.
އެގޮތުން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ކައުންސެލާ މަގާމާއި ހެޑް އޮފް ޗާންސެރީގެ މަގާމު ވެސް މީގެ ކުރިން އޭނާ ވަނީ އަދާކުރައްވާފައެވެ.
މީގެ އިތުރުން އަވަށްޓެރި އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓްގެ ފަސްޓް ސެކްރެޓަރީގެ މަގާމުގެ އިތުރުން، ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ވެސް ބަދޫރާ ވަނީ ކުރިން ފުރުއްވާފައެވެ.





