0 comments 129 views
ސިއްޙީ ޚިދުމަތް ހަރުދަނާކުރަން ރައީސް މުޢިއްޒު 'މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް' އުފައްދަވަނީ
29 އޮކްޓޯބަރ 2026 (ބުރާސްފަތި)   06:06
ރާއްޖޭގެ ސިއްޙީ ނިޒާމު އިތުރަށް ހަރުދަނާކޮށް ޚިދުމަތްތައް އަވަސްކުރުމަށްޓަކައި، "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައްވައި "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފައްދަވަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ 6 ވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ބަދަލު ގެންނަވަން ނިންމެވީ ސިއްޙީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ އިތުރުން ޚަރަދުތައް ކުޑަކުރެވޭނެ އުސޫލެއް ޤާއިމުކުރުމަށް ކަމަށެވެ. އަދި މި ބަދަލާއެކު ސިއްޙީ ދާއިރާގައި ހުރި ތަކުރާރުވުންތައް ނައްތާލެވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު ހާމަކުރެއްވި ގޮތުގައި، އައު ގްރޫޕުގެ ދަށުން ސަރުކާރުގެ ހުރިހާ ޓަރޝަރީ ހޮސްޕިޓަލްތަކާއި ޓަރޝަރީ ފެންވަރަށް ތަރައްޤީކުރަމުން އަންނަ ހޮސްޕިޓަލްތައް އެއް ވިއުގައަކުން ގުޅާލެވޭނެއެވެ. މިކަމުގެ ސަބަބުން އެއް ހޮސްޕިޓަލާއި އަނެއް ހޮސްޕިޓަލާ ދެމެދު ވަސީލަތްތައް ޙިއްޞާކުރުމާއި، އެއް ތަނުން އަނެއް ތަނަށް ޑޮކްޓަރުންގެ ފަންނީ ޚިދުމަތް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ.

އަންނަ ނޮވެމްބަރު މަހުން ފެށިގެން ކުރިއަށް އޮތް ތިން މަސް ނުވަތަ އެންމެ ގިނަވެގެން ހަތަރު މަސްދުވަހުގެ ތެރޭގައި ހޮސްޕިޓަލުތައް މި އައު ނިޒާމުގެ ތެރެއިން ގުޅާލެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މިއީ މުވައްޒަފުންތަކެއް އިތުރުކުރަން ހިންގާ މަޝްރޫޢެއް ނޫންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ސާފުކޮށްދެއްވާފައެވެ.

މި އިޞްލާޙީ ބަދަލާއެކު، ސަރުކާރުގެ ޚަރަދުގައި ތަޢުލީމު ހާސިލުކުރައްވާ ޑޮކްޓަރުންގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ލިބިގަނެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޚާއްޞަ ދާއިރާތަކުން މަތީ ފަންތީގެ ޚިދުމަތްތައް ދެއްވާ ބޭރުގެ މާހިރުން ރާއްޖޭގައި ޤާއިމުވެ ތިއްބަވައިގެން ޚިދުމަތް ދެއްވާނެ ގޮތްތައްވެސް ތަރުތީބުވެގެންދާނެއެވެ.

ސިއްޙީ ދާއިރާ ތަރައްޤީކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓަރޝަރީ ހޮސްޕިޓަލްތައް ޤާއިމުކުރުމާއި، އަތޮޅު ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. މީގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް އެމީހަކު ދިރިއުޅޭ ރަށަކުން ނުވަތަ އަތޮޅަކުން ފެންވަރު ރަނގަޅު ޚިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިދީ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުކުރުމެވެ.

ކުރިއަށް އޮތް ބަޖެޓުގައިވެސް ސިއްޙީ ދާއިރާ ހަރުދަނާކުރުމަށް ގިނަ ކަންތައްތަކެއް ހިމަނުއްވާފައިވާނެ ކަމަށާއި، މާލޭގައި އެއް ގްރޫޕަކަށް ހަދާފައިވާ ހޮސްޕިޓަލްތައް ފުޅާކުރުމުގެ މަސައްކަތްވެސް އެ ބަޖެޓުގެ ތެރެއިން ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް