0 comments 138 views
ރާއްޖެއިން ބޭރަށް ނުގޮސް ކެންސަރަށް ފަރުވާ ދެވޭނެ ޒަމާނީ ސެންޓަރެއް ހުޅުމާލޭގައި ގާއިމުކުރަން ސަރުކާރުން ސޮއިކޮށްފި
29 އޮކްޓޯބަރ 2026 (ބުރާސްފަތި)   09:10
ރާއްޖޭގައި ކެންސަރު ބަލި ދެނެގަތުމާއި އެ ބައްޔަށް ހާއްސަ ފަރުވާ ދިނުމުގެ ޒަމާނީ ސެންޓަރެއް ގާއިމުކުރުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލުން ބޭރުގެ ދެ ކުންފުންޏަކާ އެކު ފަހުމުނާމާއެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން އިނގިރޭސިވިލާތުގެ ކުއާންޓަމް ހައިޓްސް ލިމިޓެޑާއި އިންޑިއާގެ ވެން ވެސްކިއުލާ ޓެކްނޮލޮޖީ ކުންފުންޏާ ދެމެދުގައެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، މި ސެންޓަރު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ 500 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ ގޯތި ތެރޭގައެވެ. މި ސެންޓަރުގެ އަމަލީ މަސައްކަތް މިއަހަރު ފަށައި، 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހަށް ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވީ، އައިޖީއެމްއެޗުގެ ގޯތިތެރޭގައި ކުރިން އިމާރާތްކުރަން ނިންމި ކެންސަރު ހޮސްޕިޓަލް މިހާރު ހުޅުމާލެއަށް ބަދަލުކޮށްފައިވާ ކަމަށާއި، މި މަސައްކަތް ކުރިއަށްދާނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކަމަށެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ސެންޓަރު ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއަރުވައި، ކެންސަރުގެ ފަރުވާތަކަށް ދިވެހިން ރާއްޖެއިން ބޭރަށް ދާންޖެހޭ އަދަދު މަދުކުރުމެވެ. މި ސެންޓަރު ހަދަނީ ބައްޔަށް ހާއްސަ ފަރުވާ ދެވޭނެ އަސާސީ ކްލިނިކަލް އަދި އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗާއާ އެކުގައެވެ.

މި ސެންޓަރުގައި އިމަޖެންސީ ރޫމާއި އައިސީޔޫގެ އިތުރުން އެޑްމިޓުކޮށްގެން ފަރުވާދޭ ވޯޑުތަކާއި، އޮޕަރޭޝަން ތިއޭޓަރު އަދި ހާއްސަ ޕްރޮސީޖާ ރޫމްތައް ހުންނާނެ އެވެ. އަދި ނިއުކްލިއާ މެޑިސިން އަދި ޕޮޒިޓްރޯން ފަދަ އެންމެ ޒަމާނީ ޑައިގްނޯސްޓިކް ޓެކްނޮލޮޖީތަކުގެ ހިދުމަތްވެސް ލިބެން ހުންނާނެ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން ބަލިން ފަސޭހަވާނެ ކަމުގެ އުންމީދު ކެނޑިފައިވާ ފަރާތްތަކުގެ ތަދުތަކަށް ފަރުވާ ދިނުމާއި، މަލްޓިޑިސިޕްލިނަރީ ޓިއުމަރު ބޯޑުތަކާއި ފަރުވާ ރޭވުމަށް ހާއްސަ ނިޒާމުތައް އެތަނުގައި ގާއިމުކުރެވޭނެ އެވެ. މި ސެންޓަރު ހުޅުވުމުން ރާއްޖޭގައި ރޭޑިއޭޝަން ފަރުވާ ނުލިބިގެން ބޭރަށް ދާންޖެހޭ ދިއުމަށް ބޮޑު ހައްލެއް ލިބި، އާއިލާތަކަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ އެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް