0 comments 183 views
މަގުމަތީގެ ރައްކާތެރިކަން އިތުރުކުރަން ފުލުހުން ފެށި ހާއްސަ އޮޕަރޭޝަނުން އެކްސިޑެންޓުތައް %36 ދަށްކޮށްފި
30 އޮކްޓޯބަރ 2026 (ހުކުރު)   04:59
މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ފެށި ހާއްސަ ޓްރެފިކް އޮޕަރޭޝަންތަކާއެކު، މަގުމަތީގައި ހިނގާ އެކްސިޑެންޓުތަކުގެ އަދަދު 36 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މަގުތަކުގައި ފުލުހުން ފާރަވެރިވާ މިންވަރު އިތުރުކޮށް ހިންގުނު ހަރަކާތްތަކާ ގުޅިގެން ރިޕޯޓްކުރެވޭ އެކްސިޑެންޓްތަކުގެ އަދަދު ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް މަދުކުރެވިފައެވެ.

އޮކްޓޫބަރު 8 ގައި ފެށި 'އޮޕަރޭޝަން ރެކްލެސް ޑްރައިވިންގ' ގެ ނަތީޖާއަށް ބަލާއިރު، މި އޮޕަރޭޝަން ފެށުމުގެ ކުރީގެ 20 ދުވަހާ އަޅާބަލާއިރު ފަހުގެ 20 ދުވަހުގެ ތެރޭގައި ހުޅުމާލޭގައި އެކްސިޑެންޓްތައް ވަނީ 36 އިންސައްތަ ދަށަށް ގޮސްފައެވެ. އެގޮތުން އޮޕަރޭޝަންގެ ކުރިން ހިނގި 117 އެކްސިޑެންޓާ އަޅާބަލާއިރު އެ އަދަދު ވަނީ 74 އަށް ތިރިކުރެވި، 43 އެކްސިޑެންޓް މަދުކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މާލޭގެ މަގުތަކުގައި ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުން އެޅި ހާއްސަ ފިޔަވަޅުތަކާއެކު، ސެޕްޓެންބަރު 21 އިން އޮކްޓޫބަރު 7 އަށް ހިނގި 128 އެކްސިޑެންޓުގެ އަދަދު، އޮކްޓޫބަރު 8 އިން 24 ގެ ނިޔަލަށް ވަނީ 106 އަށް ދަށްކުރެވިފައެވެ. މިއީ 22 އެކްސިޑެންޓުގެ ދަށްވުމެއް ނުވަތަ ގާތްގަނޑަކަށް 17.2 އިންސައްތައިގެ ހެޔޮ ބަދަލެއް ކަމަށް ފުލުހުން ފާހަގަކުރެއެވެ.

ހުޅުމާލޭގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި 3,151 އުޅަނދު ޗެކްކޮށް، އޭގެ ތެރެއިން 808 ފަރާތަކަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ވަނީ ނަސޭހަތްތެރިވެ ވިސްނައިދީފައެވެ. ނަމަވެސް އެހެން މީހުންގެ ސަލާމަތަށް ނުރައްކާވާ ފަދަ ގޮތަށް ދުއްވި 23 އުޅަނދަކަށާއި، ލައިސަންސް ނެތް 85 މީހަކު ޖޫރިމަނާކޮށް، 145 އުޅަނދެއް ވަނީ ޓޯކޮށްފައެވެ.

މީގެ އިތުރުން މާލޭގައި ބާރަށް ދުއްވި 600 މައްސަލައަކާއި ނުރައްކާތެރިކޮށް ދުއްވި 19 މައްސަލައެއް ފާހަގަކޮށް ފިޔަވަޅު އަޅާފައިވާއިރު، އުޅަނދުގައި ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަނުވުމުގެ 371 މައްސަލައަކާއި ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ 171 މައްސަލައަކަށް ވެސް ވަނީ ފިޔަވަޅު އަޅާފައެވެ.

ފުލުހުން ބުނި ގޮތުގައި މި އޮޕަރޭޝަންތަކުން ފެންނަމުންދާ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާދާރުންނަކީ ޓްރެފިކް ގަވާއިދުތަކަށް ބޯލަނބައި، މަގުމަތީގެ ރައްކާތެރިކަން ދެމެހެއްޓުމަށް ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދެއްވާ ޒިންމާދާރު ރައްޔިތުންނެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް