
ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވީ ދާދިފަހުން އާންމުކުރި "ރައްޔިތުންގެ އަޑު" ސިލްސިލާގެ ޕްރޮގްރާމެއްގައެވެ. އެ ޕްރޮގްރާމުގައި ނުކުޅެދުންތެރިކަން ހުންނަ ޒުވާނަކާއި އޭނާގެ މަންމަ ވަނީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް، އެފަދަ ފަރާތްތަކަށް ވަޒީފާ ހޯދުމުގައި ކުރިމަތިވާ ދަތިތަކާއި ގޮންޖެހުންތަކުގެ މަޢުލޫމާތު ހިއްސާކޮށްފައެވެ.
އެ ބައްދަލުވުމުގައި އެ ޢާއިލާއިން ފާހަގަކުރި ގޮތުގައި، ތަޢުލީމީ ގޮތުން ޝަރުތު ހަމަވި ނަމަވެސް ބައެއް ތަންތަނުން ވަޒީފާ ދިނުމުގައި ފަސްޖެހޭ ކަމަށާއި، އަދި އިންޓަވިއުއަށް ގެންދިއުމަށްފަހު އެއްވެސް ޚަބަރެއް ނުވާ ހާލަތްތައް މެދުވެރިވާ ކަމަށެވެ.
އެ ވާހަކަތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެއީ އެކަން ހިނގައިގެންވާނެ ގޮތެއް ނޫން ކަމަށާއި އެކަންކަން ސަރުކާރުން ވަރަށް ގާތުން ބައްލަވާނެ ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ސަރުކާރުން އިތުރަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސިއްހަތާއި، އާއިލާއާއި އިޖްތިމާއީ އެހީއާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދީ އެ ފަރާތްތައް މުޖުތަމަޢުގައި ބާރުވެރިކުރުވުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 416 ފަރާތަކަށް ވަނީ ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފައެވެ.
މި ސަރުކާރުން މި މަސައްކަތް ކުރިއަށް ގެންދަނީ ހަމައެކަނި ވަޒީފާއެއް ދިނުމުގެ ބަދަލުގައި، އެ ފަރާތްތަކަކީ މަސައްކަތުގެ މާހައުލުގައި ބަލައިގަންނަ ބޭނުންތެރި ބަޔަކަށް ހެދުމުގެ ވިސްނުމުގައެވެ. އެގޮތުން ވަޒީފާ އަދާކުރެވޭނެ ފަރާތްތަކުގެ ފަންކްޝަނަލް އެސެސްމެންޓުތައް ހަދައި، މަސައްކަތުގެ މާހައުލު ތައްޔާރުކުރުމާއި އެހެން މުވައްޒަފުން އަހުލުވެރިކުރުމުގެ ޕްރޮގްރާމުތައްވެސް އަންނަނީ ހިންގަމުންނެވެ.
ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތައް މެދުވެރިކޮށް މި ފުރުޞަތުތައް ފަހިކޮށްދެމުންދާއިރު، މިއީ އެފަދަ ފަރާތްތަކަށާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް ލިބިގެންދިޔަ ބޮޑު ތަސައްލީއެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.





