
ދައުލަތުގެ ޚިދުމަތްތައް ޒަމާނީ ފެންވަރަކަށް ބަދަލުކުރުމުގެ ސިޔާސަތުގެ ދަށުން، ޤައުމީ ފެންވަރުގައި ނެޝެނަލް ސޮވްރިން ކްލައުޑް ޑޭޓާ ސެންޓަރެއް ޤާއިމުކުރުމަށާއި، ޓްރެފިކް މައްސަލަތަކަށް ޒަމާނީ ހައްލުތަކެއް ހޯދުމަށް ނިންމާފައިވާކަން ހާމަކުރެއްވީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރެވެ.
ރައްޔިތުންގެ މަޖިލީހަށް ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ވަޒީރު ވަނީ، ޓެކްނޮލޮޖީގެ ރޮނގުން ގައުމު ކުރިއަށް ގެންދިއުމަށް ސަރުކާރުން ރާވާފައިވާ މައިގަނޑު މަޝްރޫޢުތަކުގެ ތަފުސީލުތައް ހިއްސާކުރައްވާފައެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި ދައުލަތުގެ ޑޭޓާތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި 'ނެޝެނަލް ސޮވްރިން ކްލައުޑް ޑޭޓާ ސެންޓަރ' ޤާއިމުކުރުމުގެ އިތުރުން، ރައްޔިތުންނަށް ޚިދުމަތްތައް ފަސޭހަކޮށްދިނުމަށް ޒަމާނީ ފެންވަރުގެ ޑިޖިޓަލް އައިޑެންޓިފިކޭޝަން ނުވަތަ ސްމާޓް ކާޑުގެ ނިޒާމެއް ސަރުކާރުން ތައާރަފުކުރާނެއެވެ.
މާލޭގެ މަގުތަކުގެ ތޮއްޖެހުމާއި ޓްރެފިކް މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ މުހިންމުކަން ފާހަގަކުރައްވައި، އޭއައި ބޭނުންކޮށްގެން މާލޭގެ ޓްރެފިކް ނިޒާމު ޑިޖިޓަލައިޒްކޮށް ބެލެހެއްޓޭނެ 'ސްމާޓް ޓްރެފިކް އެންފޯސްމަންޓް ސިސްޓަމެއް' ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމުގެ ގޮތުން 'ގްރޭޓަރ މާލެ ޓްރާންސްޕޯޓް މޮބިލިޓީ ޕްލޭން' ތަންފީޒުކުރުމަށް ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ވަޒީރު ޙަސަން ޒަރީރު ބަޔާންކުރެއްވިއެވެ.
ސަރުކާރުން ކުރިއަށްގެންދާ މި މުހިންމު މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ވަރުގަދަވެ، ރައްޔިތުންނަށް ފޯރުކޮށްދޭ އެކި ޚިދުމަތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.





