0 comments 138 views
ޒުވާނުންގެ މަތީ ތައުލީމަށް ސަރުކާރުން ބޮޑު އިސްކަމެއް: ހިލޭ ޑިގްރީއަށް 136.3 މިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅައިފި
30 އޮކްޓޯބަރ 2026 (ހުކުރު)   08:19
ޒުވާނުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިލޭ ޑިގްރީ ޕްރޮގްރާމަށް 136.3 މިލިއަން ރުފިޔާ ސަރުކާރުން ކަނޑައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް 59 ބިލިއަން ރުފިޔާގެ ބަޖެޓު ހުށަހަޅުއްވައި ދެއްވަމުން މާލީ ކަންކަމާއި ދައުލަތުގެ ކުންފުނިތަކާ ބެހޭ ހަސަން ޒަރީރު ވިދާޅުވީ، ފާގަތި ގައުމެއް ބިނާކުރުމަށް ބޭނުންވާ ހުނަރާއި އިލްމު އުނގަންނައިދިނުމަށްޓަކައި ކޮންމެ ކުއްޖަކަށްވެސް ފެންވަރު ރަނގަޅު ތައުލީމެއް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

މި މަގްސަދު ހާސިލުކުރުމަށް އެހީތެރިވުމުގެ ގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި ރާއްޖޭގެ އެކި ރަށްރަށުގައި ތައުލީމީ ދާއިރާގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ތައުލީމީ ދާއިރާ ކުރިއެރުވުމަށް ހިންގާ މަޝްރޫއުތަކުގެ ތެރޭގައި ކްލާސްރޫމްތަކާއި މަލްޓިޕާޕަސް ހޯލްތައް އެޅުމުގެ އިތުރުން، ލެބޯޓްރީތަކާއި މަތީ ތައުލީމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުން ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ކޮންމެ ކުއްޖަކީވެސް ތަފާތު ގޮތްގޮތަށް އުނގެނޭ ކުއްޖެއް ކަމަށާއި، އެ ކުއްޖެއްގެ ފުރިހަމަ ގާބިލިއްޔަތަށް ވާސިލުވުމުގެ ފުރުސަތު ކޮންމެ ކުއްޖަކަށްމެ ލިބެންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެގޮތުން، ސްކޫލްތަކުގެ އުމްރާނީ ވަސީލަތްތަކާއި އިންކްލޫސިވް އެޑިޔުކޭޝަންގެ ނިޒާމު ވަރުގަދަކުރުމުގެ ގޮތުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީ އިތުރަށް ހަރުދަނާކުރުމަށް މި ބަޖެޓުގައި ހިމަނާފައިވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އަންނަ އަހަރުވެސް ހިލޭ ޑިގްރީ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް 136.3 މިލިއަން ރުފިޔާ ހަމަޖެއްސުމުގެ އިތުރުން، މަތީ ތައުލީމު ހާސިލު ކުރާ ދަރިވަރުންނަށް ލޯނު ފެސިލިޓީ ދޫކުރުމަށް 651 މިލިއަނަށްވުރެ ގިނަ ރުފިޔާ ބަޖެޓުގައި ހިމަނާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް