0 comments 210 views
އާއިލީ ގުޅުން ބަދަހިކުރަން ކޮންމެ އަތޮޅަކަށް ޕިކްނިކް ރަށެއް ހަދަން ރައީސް މުޢިއްޒުގެ ސަރުކާރުން ބަޖެޓުކޮށްފި
30 އޮކްޓޯބަރ 2026 (ހުކުރު)   11:17
ދިވެހި ރައްޔިތުންގެ މެދުގައި ދުޅަހެޔޮ އަދި ބަދަހި މުޖުތަމައެއް ބިނާކޮށް، އާއިލީ ގުޅުންތައް ބަދަހިކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްގީކުރުމަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން މިކަން ހާމަކުރެއްވީ ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރެވެ. މިނިސްޓަރު ވިދާޅުވީ ދިވެހީންގެ މެދުގައި ދުޅަހެޔޮ ބަދަހި މުޖުތަމައެއް ބިނާވެފައި އޮތުމަކީ ސަރުކާރުން އަބަދުވެސް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ ކަމެއް ކަމަށެވެ.

މިނިސްޓަރު ޒަރީރު ވިދާޅުވީ އާއިލާތަކާއި ރައްޓެހިންނަށް އެކުގައި ވަގުތު ހޭދަކޮށް، ހިތްހަމަޖައްސާލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައި ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްގީކުރުމަށް ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. ނަމަވެސް މި މަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓުން ކަނޑައެޅި ވަކި އަދަދެއް މިނިސްޓަރު ހާމައެއް ނުކުރައްވައެވެ.

ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްގީކޮށްދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ފުރަތަމަ އިއުލާނުކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 19 ވަނަ ދުވަހުއެވެ. އެއީ އއ. މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ބޭއްވި ޖަލްސާއެއްގައެވެ.

އެ ދުވަހު ރައީސް ވިދާޅުވީ، ޗުއްޓީ ހޭދަކޮށްލުމަށް ދާނެ ރަށެއް ތަރައްގީކޮށްދިނުމަށް އެދި ވަރަށް ގިނަ ރަށްރަށުން އެދެމުންދާ ކަމަށެވެ. އެހެންކަމުން އެ އަތޮޅެއްގެ ރައްޔިތުންނަށާއި، އަދި ރަށު ފަތުރުވެރިކަމުގެ ގެސްޓްހައުސްތަކަށްވެސް ބޭނުންކުރެވޭނެ ގޮތަށް ކޮންމެ އަތޮޅެއްގައި ޕިކްނިކް އައިލެންޑެއް ތަރައްގީކޮށްދޭން ނިންމެވީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި މަޝްރޫއުގެ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ދިރާސާތައް އަވަހަށް ނިންމައި، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް އޭރު ވިދާޅުވެފައިވެއެވެ. އަދި މި މަސައްކަތަކީ ރައްޔިތުން އުފާކޮށްދިނުމަށްޓަކައި ކުރިއަށްގެންދަވާ ކަމެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ހުރިހާ އަތޮޅަކަށް ޚާއްސަކޮށް އެއް ރަށް ހެދި ނަމަވެސް، ވަކިވަކި ރަށްރަށަށް ވެސް ޕިކްނިކް އައިލެންޑް ތަރައްގީކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައްޔިތުން ޕިކްނިކް ދިއުމަށް ޚާއްސަ ރަށްރަށް މިހާރު ވެސް ބައެއް އަތޮޅުތަކުގައި ވަނީ ތަރައްގީކޮށްފައެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް