
އޭދަފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމާއި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ޝުޖާއު އަބްދުލްހަކީމެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި މަޝްރޫއަކީ މުޅި ރާއްޖޭގައި އިސްލާމީ މަރުކަޒުތައް ބިނާކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު އަމަލީ ގޮތުން ތަންފީޒުކުރުމަށްޓަކައި ފެށި މުހިންމު މަސައްކަތެކެވެ.
އޭދަފުށީގައި މި އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުންޏާއެކު މި މަޝްރޫއުގެ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކޮށްފައިވަނީ މިއަހަރުގެ މާޗު މަހުގެ 18 ވަނަ ދުވަހުއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިސްލާމީ މަރުކަޒުތައް ތަރައްގީކުރުމުގެ މައިގަނޑު ބޭނުމަކީ އިސްލާމީ ހިދާޔަތާއި ނޫރު މުޅި މުޖުތަމައަށް ފެތުރުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ މި އަމާޒުގެ ދަށުން، މިހާރު ވެސް ރާއްޖޭގެ 10 ރަށެއްގައި އިސްލާމީ މަރުކަޒުތައް ތަރައްގީކުރުމަށް އެކި ފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި އޭގެ ތެރެއިން ބައެއް މަރުކަޒުތަކުގެ އަމަލީ މަސައްކަތް މިހާރު ވެސް ވަނީ ފެށިފައެވެ.





