
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވިލިމާލެ އާއި ގުޅީފަޅު ގުޅާލުމަށް އަޅާ ބްރިޖުގެ އެންމެ ފަހު ސެގްމަންޓް ހަރުކޮށް ދެ ރަށް ގުޅާލުމަކީ މި މަޝްރޫޢުގެ ދަށުން ހާސިލްކުރެވުނު ވަރަށް މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. އަދި މިއީ މުސްތަޤުބަލުގައި ދަތުރުފަތުރުގެ ނިޒާމުން ރަށްތައް ބަދަހިކޮށް ގުޅާލުމަށް ކުރެވޭ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މި މުހިންމު ކާމިޔާބީއާ ގުޅިގެން ވަޒީރު ވަނީ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުންޏަށާއި، ކޮންސަލްޓެންޓް ކުންފުނި އަރުޕްގެ އިތުރުން މިނިސްޓްރީގެ ޓީމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި މި މަޝްރޫޢަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި އެ ޤައުމުގެ ސަރުކާރަށާއި މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ވެސް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.
ވިލިމާލެ އާއި ގުޅިފަޅު ބްރިޖުން މި ގުޅާލެވުނީ މާލެ އާއި ވިލިމާލެ ގުޅުވައިދޭ އެންމެ ފަހު ސެގްމެންޓު ހަރުކޮށް، ދެ ރަށް ގުޅާލިތާ ގާތްގަނޑަކަށް ދެ މަސްދުވަސް ފަހުންނެވެ. މާލެއާއި ވިލިމާލެ ބްރިޖުން ގުޅާލާފައިވަނީ މިއަހަރުގެ އޮގަސްޓު މަހުގެ 22 ވަނަ ދުވަހުއެވެ.
މާލެ އާއި ވިލިމާލެ ގުޅުވާލުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އޮގަސްޓު 30 ވަނަ ދުވަހު ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ބައްލަވާލައްވައި، މާލެއިން ވިލިމާލެއަށް ފައިމަގުގައި ވަޑައިގެންފައެވެ. އެ ދުވަހު ރައީސް ވިދާޅުވީ މި ކާމިޔާބީ ހާސިލްވީ ދެ ޤައުމުގެ މެދުގައި ކުރެވުނު މަތީ ފެންވަރުގެ މަޝްވަރާތަކުގެ ސަބަބުން ކަމަށާއި، އުއްމީދަކީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި މުޅި ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ވަރަށް ލަސް ދުވެއްޔެއްގައި ދިޔަ މި މަޝްރޫޢުގެ ނިމިފައިވަނީ އެންމެ 38 އިންސައްތަ މަސައްކަތެވެ. ނަމަވެސް މި ސަރުކާރުން ބްރިޖުގެ މަސައްކަތުގެ ދުވެލި ވަރަށް ބޮޑަށް ހަލުވިކޮށް، މޫދުގެ އަޑީގައި ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ނިންމައި މިހާރު ވަނީ ބުރިޖުގެ ބޮޑުބައި ފުރިހަމަކޮށްފައެވެ.
ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމަށްވާ ތިލަމާލެ ބްރިޖަކީ އިންޑިއާގެ 500 މިލިއަން ޑޮލަރުގެ މާލީ އެހީގައި ކުރިއަށްގެންދާ 6.74 ކިލޯމީޓަރުގެ ބިޔަ މަޝްރޫޢެކެވެ. މިއީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި އެއް ވިއުގައަކުން ގުޅާލުމަށްޓަކައި ހިންގާ މަޝްރޫޢެކެވެ.





