
މީސްމީޑިއާ މަންސަ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަފީރު މަޚްލޫފް ވިދާޅުވީ، ރަސްމާލެ ހިއްކަން ފެށުމާއެކު އެއީ ބޭކާރު ވެލިގަނޑެއް ކަމަށާއި އެތަނަށް ދިރިއުޅެންދާނެ ބަޔަކު ނުވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔަ ނަމަވެސް، މިއަދު އެ ފަރާތްތަކުގެ ރާގު މުޅިން ބަދަލުވެފައިވާ ކަމަށެވެ. އަދި މި ބިޔަ މަޝްރޫޢާ މެދު ކަންބޮޑުވާންޖެހޭ އެއްވެސް ޙަޤީޤީ ސަބަބެއް ނެތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިޒްރޭލު ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ސަރުކާރުން ވަރުގަދަ ނިންމުމެއް ނިންމާފައިވާއިރު، ޔަހޫދީންނަށް ރަސްމާލެއިން އެއްވެސް ބިމެއް ނުގަނެވޭނެ ކަމަށާއި ވިޔަފާރިއެއް ވެސް ނުކުރެވޭނެ ކަމަށް މަޚްލޫފް ބަޔާންކުރެއްވިއެވެ. މީގެއިތުރުން އެތަނުގައި ރަލާއި އޫރުމަސް ވިއްކުމާއި ކެސީނޯ އެޅުން މަނާވެފައިވާއިރު، މަޝްރޫޢު ހަވާލުކުރީ އިސްލާމީ ޤައުމެއްގެ ޤާބިލު ބޮޑު ކުންފުންޏަކާ ކަމަށް ވިދާޅުވިއެވެ.
ރަސްމާލެއަކީ ދިވެހި ދައުލަތުގެ ފުރިހަމަ މިލްކިއްޔާތެއް ކަމަށާއި، އީގަލް ހިލްސްއަށް އެ ބިން ދޫކުރަނީ ހަމައެކަނި ކުއްޔަށް ކަމަށް މަޚްލޫފް ވިދާޅުވިއެވެ. އަދި އެ ސަރަޙައްދުގައި ވެސް ހިނގާނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތައް ކަން އެމަނިކުފާނު ސާފުކޮށްދެއްވިއެވެ.
މި މަޝްރޫޢަކީ 20 ބިލިއަން ޑޮލަރުގެ ބިޔަ އިންވެސްޓްމަންޓެއްކަން ފާހަގަކުރައްވަމުން، މި މަސައްކަތުގެ ސަބަބުން 50,000 އެއްހާ ވަޒީފާގެ ފުރުޞަތު އުފެދި، ކޮންސްޓްރަކްޝަން ދާއިރާއިން ދިވެހިންނަށް އެތައް ބިލިއަން ރުފިޔާއެއްގެ މަސައްކަތް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މި މަޝްރޫޢުގެ ތެރެއިން 5,000 ހައުސިންގ ޔުނިޓް ތަރައްޤީ ކުރެވި، ބޯހިޔާވަހިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫޢުގެ ސަބަބުން ދައުލަތަށް އެތައް ބިލިއަން ޑޮލަރެއްގެ އާމްދަނީ ލިބި، ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް މަޚްލޫފް ވިދާޅުވިއެވެ. އަދި ޑޮލަރުގެ އަގު ހަމައަކަށް އެޅުމުން މުދަލުގެ އަގު ހެޔޮވެ، ދައުލަތުގެ އާމްދަނީ އިތުރުވެގެން އިތުރު ތަރައްޤީގެ މަޝްރޫޢުތައް ހިންގި އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ފާހަގަކުރެއްވިއެވެ.
ސިޔާސީ ވާދަވެރިން މި މަޝްރޫޢާ މެދު ކަންބޮޑުވެ ބިރުގަންނަނީ މި މަޝްރޫޢުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ބޮޑު ފައިދާއާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޑރ. މުޢިއްޒު ކާމިޔާބު ކުރެއްވުމަށް މަގުފަހިވާނެތީ ކަމަށް މަޚްލޫފް ވިދާޅުވިއެވެ. އެހެންކަމުން ސިޔާސީ ދޮގު ވާހަކަތަކަށް ނޫނެކޭ ބުނެ، މި މުހިންމު މަޝްރޫޢު ކޮންމެހެން ވެސް ކުރިއަށް ގެންދަން ފުރުޞަތު ދޭންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.





