
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ބަޖެޓުގެ ހިސާބުތަކުން ދައްކާ ގޮތުގައި، އަންނަ އަހަރު ދައުލަތުގެ ދަރަނި އަދާކުރުމަށް ހޭދަވާނީ 4.46 ބިލިއަން ރުފިޔާއެވެ. ނަމަވެސް މި އަހަރުގެ ނިޔަލަށް ދަރަނި އަދާކުރުމަށް 11.74 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މާލީ ވުޒާރާއިން ވަނީ އަންދާޒާކޮށްފައެވެ.
ދައުލަތުގެ މާލީ ކަންކަން ހަރުދަނާކޮށް، އިތުރު ދަރަނި ނުނަގައި ބޮޑެތި އަދަދުތަކުން ދަރަނި ހަލާސްކުރުމުގެ ސަބަބުން އަންނަ އަހަރު ދައްކަންޖެހޭ މިންވަރު މި އަހަރާ އަޅާބަލާއިރު ވަރަށް ބޮޑުތަނުން ވަނީ ކުޑަކުރެވިފައެވެ.
ބަޖެޓުގެ ހިސާބުތަކަށް ބަލާއިރު މި އަހަރަކީ ރާއްޖޭގެ ތާރީހުގައިވެސް އެއް އަހަރެއްގެ ތެރޭގައި ދަރަނި އަދާކުރުމަށް އެންމެ ބޮޑު ހޭދައެއް ކުރަންޖެހުނު އަހަރެވެ. އެގޮތުން ނިމުނު އަހަރު ދަރަނި ދެއްކުމަށް 5.31 ބިލިއަން ރުފިޔާ ހޭދަވި ނަމަވެސް، މި އަހަރު އެ އަދަދު ވަނީ 11 ބިލިއަނަށްވުރެ މައްޗަށް އަރާފައެވެ.
މި އަހަރު ދަރަނި އަދާކުރުމުގެ ހަރަދު ބޮޑުވި މައިގަނޑު ސަބަބަކީ ނިމިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ސުކޫކުގެ ރީޕޭމެންޓަށް 500 މިލިއަން ޑޮލަރާއި، އިންޓަރެސްޓުގެ ގޮތުގައި ދައްކަންޖެހުނު 24 މިލިއަން ޑޮލަރު ސަރުކާރުން އެއްފަހަރާ ދައްކައި ހަލާސްކުރުމެވެ.
މީގެ އިތުރުން ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ބޮންޑެއް ވިއްކައިގެން ނަގާފައިވާ ދަރަނީގެ ތެރެއިން 100 މިލިއަން ޑޮލަރު މި އަހަރު ދައްކައި، ޖުމްލަ 200 މިލިއަން ޑޮލަރު ސަރުކާރުން ވަނީ ހަލާސްކޮށްދީފައެވެ.
ހަމައެއާއެކު، ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ދަރަނިވެސް ސަރުކާރުން މި އަހަރުގެ ތެރޭގައި ވަނީ އެއްކޮށް ދައްކައި ނިންމާލާފައެވެ.





