
ސްޓެލްކޯ އިން ހާމަކޮށްފައިވާ ގޮތުގައި، މި ޚިދުމަތްތަކާ ހަވާލުވުމާއެކު އެ އަތޮޅުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު އެ ކުންފުނީގެ މިންގަނޑުތަކަށް ފެއްތުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ކުންފުނީގެ މައިގަނޑު އަމާޒަކީ ރ. އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ކަށަވަރުކޮށްދިނުން ކަމަށް ސްޓެލްކޯ އިން ފާހަގަކުރެއެވެ.
ސަރުކާރުން ފެނަކަ ކޯޕަރޭޝަން އުވާލައި، އެ ކުންފުނިން ދެމުންދިޔަ ހުރިހާ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ނިންމާފައިވަނީ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމުގެ މަގުސަދުގައެވެ. މީގެ އިތުރުން ލާމަރުކަޒީ އަދި ހަރުދަނާ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ވެސް މި އިސްލާހީ ފިޔަވަޅުގެ މުހިންމު ބޭނުމެކެވެ.
މި ބަދަލާއެކު، ރާއްޖޭގެ 5 ސިޓީގެ ތެރެއިން 3 ސިޓީއަކަށް މިހާރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދަނީ ސްޓެލްކޯއިންނެވެ. މީގެ ތެރޭގައި ވެރިރަށް މާލެ ސިޓީގެ އިތުރުން އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީ ހިމެނެއެވެ.
ސްޓެލްކޯއިން މިހާރު މަސައްކަތް ކުރަމުން ދަނީ، ފެނަކައިން ކުރިން ޚިދުމަތްތައް ދެމުން އައި ރަށްތަކުގެ ތެރެއިން މިހާތަނަށް ހަވާލުނުވެވި ހުރި ރަށްތަކުގެ އޮޕަރޭޝަންތަކާ ވެސް ވީއެންމެ އަވަހަކަށް ހަވާލުވެ، އެ މަސައްކަތްތައް އެއްކޮށް ނިންމާލުމަށެވެ.





