
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުން، އެލްޖީއޭގެ ބޯޑަށް އިންތިޚާބުކުރަން ޖެހެނީ ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންގެ ތެރެއިން މެންބަރެކެވެ.
ސިޓީ ކައުންސިލްތައް ތަމްސީލުކުރާ ގޮނޑިއަށް ކުރިމަތިލެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް އެކަނި ކަމަށްވާތީ، ވޯޓަކާ ނުލައި އޭނާ ވަނީ މީގެ ކުރިން އެ މަޤާމަށް އިންތިޚާބުވެވަޑައިގެންފައެވެ. އެހެންކަމުން މިއަދު ކުރިއަށްދިޔައީ ބާކީ ދެ ގޮނޑިއަށް މެންބަރުން ހޮވުމަށް ބޭއްވި ވޯޓުލުމެވެ.
އިންތިޚާބުގެ ނަތީޖާއިން ދައްކާ ގޮތުގައި، ރަށު ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ފަރާތުން އިންތިޚާބުކުރި ދެ ގޮނޑިވެސް، އިދިކޮޅު އެމްޑީޕީއާ ވާދަކޮށް ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.
ރަށު ކައުންސިލްތަކުގެ ރައީސުންގެ ފަރާތުން އެލްޖީއޭގެ ބޯޑަށް ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް، ފ. ނިލަންދޫ ކައުންސިލުގެ ރައީސް ޢަލީ އަޙްމަދު ވަނީ ވޯޓުގެ އަޣުލަބިއްޔަތު ހޯއްދަވައި އެ ގޮނޑި ކާމިޔާބުކުރައްވާފައެވެ. މި ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވީ ނ. މަނަދޫ ކައުންސިލުގެ ރައީސް ޢަލީ ޒާފިރެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއިންގެ ފަރާތުން އެލްޖީއޭގެ ބޯޑަށް އިންތިޚާބުވެވަޑައިގަތީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ށ. ފުނަދޫ އަންހެނުންގެ ކޮމިޓީގެ ރައީސާ މަރްޔަމް ޒީނާއެވެ. މި މަޤާމަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވީ ލ. ގަމު އަންހެނުންގެ ކޮމިޓީގެ ރައީސާ މަރްޔަމް ނީނާއެވެ.
އެލްޖީއޭއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 807 ފަރާތަކަށް ލިބިގެންވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 625 ކައުންސިލަރުންނާއި، އަންހެނުންގެ ކޮމިޓީތަކުގެ 182 ރައީސުންނެވެ.
ކައުންސިލްތައް ޒިންމާދާރުކުރުވުމުގެ ޒިންމާ އަދާކުރާ އެލްޖީއޭގެ ބޯޑުގެ ރައީސަކީ ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރެވެ. އެ އިދާރާގެ ސީއީއޯގެ މަޤާމުގައި މުޙައްމަދު ނިމާލު ހުންނެވިއިރު، ބޯޑުގައި ދެން ތިއްބަވަނީ މުޙައްމަދު ޢާރިފާއި، މުޙައްމަދު އާޒާދުގެ އިތުރުން ޢާއިޝަތު ޢަރީފާއެވެ.





