0 comments 126 views
ރައްޔިތުންނަށް ދޭ ހިދުމަތްތައް ހަރުދަނާކުރަން އެމްޑަބްލިޔުއެސްސީން 'ވަން އެމްޑަބްލިޔުއެސްސީ' އިފްތިތާހުކޮށްފި
1 ނޮވެމްބަރ 2026 (އާދީއްތަ)   03:50
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ހިންގާ އުމްރާނީ މަޝްރޫއުތަކާއި އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކުގެ އިތުރުން ޑިޖިޓަލް ހިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް ގެނައުމަށް އެކުލަވާލި މުހިންމު ސްޓްރެޓީޖިކް އޮނިގަނޑު، "ވަން އެމްޑަބްލިޔުއެސްސީ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މި މުހިންމު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މެންހެޓަން ގްރޭންޑް ހޮޓެލްގައި ބޭއްވުނު އެމްޑަބްލިޔުއެސްސީގެ އަހަރީ ސްޓާފް އެވޯޑް ހަފްލާގައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީއެވެ.

މި ހަފްލާއަކީ ކުންފުންޏަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންނާއި، ވޭތުވެދިޔަ އަހަރު ފާހަގަކޮށްލެވޭ ފަދަ މޮޅު މަސައްކަތްތަކެއް ދެއްކެވި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ މަގުސަދުގައި ބޭއްވުނު ޝަރަފުވެރި ހަފްލާއެކެވެ.

އެގޮތުން މި އަހަރުގެ އެވޯޑް ނައިޓްގައި ތަފާތު 12 ދާއިރާއަކުން ފާހަގަކޮށްލެވުނު 40 މުވައްޒަފަކު އެވޯޑް ހާސިލުކުރިއިރު، ކުންފުންޏަށް ދިގު މުއްދަތަކަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި 69 މުވައްޒަފެއްގެ އަގުވަޒަންކޮށް ހާއްސަ އެވޯޑް ވަނީ އަރުވާފައެވެ.

ވަނަވަނައަށް ހޮވުނު މުވައްޒަފުންނަށް އެވޯޑްތައް ހަވާލުކޮށްދެއްވީ ހަފްލާގެ ޝަރަފުވެރި މެހުމާނު، އެމްޑަބްލިޔުއެސްސީގެ ބޯޑުގެ އެކްޓިން ޗެއަރޕާސަން ޢާއިޝަތު ރޫޙީއާއި، ބޯޑު ޑިރެކްޓަރުންގެ އިތުރުން މެނޭޖިން ޑިރެކްޓަރާއި ސީނިއަރ މެނޭޖުމަންޓް ޓީމުގެ ބޭފުޅުންނެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ބޭނުމަކީ އެ ފަރާތްތަކުގެ ހުނަރާއި ބުރަ މަސައްކަތް ފާހަގަކޮށް ކުރިއަށް ދިއުމަށް އިތުރު ހިތްވަރެއް ދިނުން ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރަކީ މީހުން ބިނާކުރުމަށް ކުރު އަދި ދިގު މުއްދަތުގެ ސްކޮލަރޝިޕްތައް ފަހިކޮށްދީ، މުވައްޒަފުންގެ ދުޅަހެޔޮކަމާއި ވަޒީފާގެ މާހައުލު އުފާވެރި ތަނަކަށް ހެދުމަށް ހާއްސަ މަސައްކަތްތަކެއް ކުރެވުނު އަހަރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފެނާއި ނަރުދަމާގެ ހިދުމަތަކީ ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ އަސާސީ ހައްގަކަށްވާތީ، ރައްޔިތުންނަށް އެ ހިދުމަތްތައް މެދުކެނޑުމެއްނެތި، އިތުބާރާއެކު ފޯރުކޮށްދިނުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ކުންފުނީގެ ތެރެއަށް އިތުރުކުރެވެމުންދާކަން ވެސް މެނޭޖިން ޑިރެކްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް