0 comments 180 views
އާސަންދަ ދެމެހެއްޓުމަށް ސަރުކާރުން އެޅި ފިޔަވަޅުން އަހަރަކު 287 މިލިއަން ސަލާމަތްވެ، އަސާސީ ޚިދުމަތްތައް ފުޅާކުރެވޭނެ
1 ނޮވެމްބަރ 2026 (އާދީއްތަ)   05:42
ދައުލަތުގެ ސިއްހީ އިންޝުއަރަންސް ނިޒާމު، އާސަންދަ ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށާއި އިސްރާފު ކުޑަކުރުމުގެ ގޮތުން، މަހަކު 60،000 ރުފިޔާއަށް ވުރެ މަތިން އާމްދަނީ ލިބޭ މީހުން އަމިއްލަ ސިއްހީ މަރުކަޒުތަކުން ޚިދުމަތް ހޯދާއިރު 15 އިންސައްތައިގެ ކޯ-ޕޭމަންޓެއް ނެގުމަށް ސަރުކާރުން ނިންމައި އުސޫލު ޢާންމުކޮށްފިއެވެ.

ސިއްހަތާ ބެހޭ ވުޒާރާއިން ގެޒެޓުކޮށްފައިވާ އާ އުސޫލުގައިވާ ގޮތުން، މި ކޯ-ޕޭމަންޓް ނެގުމަށް ހަމަޖެހިފައިވަނީ އާސަންދަ ސްކީމުގައި ރަޖިސްޓަރީވެފައިވާ އަމިއްލަ ހޮސްޕިޓަލްތަކާއި، ކްލިނިކްތަކާއި، ބޭސްފިހާރަތަކުގެ އިތުރުން އޮޕްޓިކަލް އަދި ޕްރޮސްތެޓިކް ޚިދުމަތް ފޯރުކޮށްދޭ ތަންތަނުންނެވެ.

މި ސިޔާސަތު ތަންފީޒުކުރި ނަމަވެސް، ސަރުކާރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން ޚިދުމަތް ހޯދާ އެއްވެސް ރައްޔިތެއްގެ އަތުން މިފަދަ އެއްވެސް ފީއެއް ނުނަގާނެ ކަމަށް އެ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި ސަރުކާރުގެ ފެސިލިޓީތައް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވާ ބަލިމީހުންގެ އަތުންވެސް ކޯ-ޕޭމަންޓެއް ނެގުމެއް ނެތި ފުރިހަމަ ޚިދުމަތް ލިބިގެންދާނެއެވެ.

ގައުމަށް ބޭނުންތެރި މުހިންމު ފަންނީ ދާއިރާތަކުގެ މީހުން ހިފެހެއްޓުމަށާއި އެ ދާއިރާތައް ކުރިއެރުވުމަށްޓަކައި، ބޮޑު އާމްދަނީ ލިބުނު ނަމަވެސް ބައެއް ފަރާތްތައް ވަނީ މި އުސޫލުން އިސްތިސްނާކޮށްފައެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި މެޑިކަލް ދާއިރާގެ ފަންނީ މުވައްޒަފުންނާއި، ޕައިލެޓުންނާއި އޭވިއޭޝަން ދާއިރާގެ މުވައްޒަފުންގެ އިތުރުން އިންޖިނިއަރުންނާއި ސައިންސް ދާއިރާގެ ފަންނީ މީހުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެކުރިން ވިދާޅުވެފައިވަނީ އެންމެ މުއްސަނދި މީހާއާއި އެންމެ ނިކަމެތި މީހާއާ ދެމެދު އެއްވެސް ތަފާތެއް ނެތި އާސަންދައިގެ ފުލް ކަވަރޭޖު ދިނުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން ބޮޑު އާމްދަނީ ލިބޭ މީހުންނަށް ކޯ-ޕޭ އުސޫލުން ޚިދުމަތް ދިނުމަކީ ނިޒާމު ހަރުދަނާކުރުމަށް އެޅުއްވި މުހިންމު ފިޔަވަޅެކެވެ.

މި އިސްލާހީ ބަދަލާއެކު ދައުލަތުގެ ބަޖެޓުން އަހަރަކު ގާތްގަނޑަކަށް 287 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މިގޮތުން ސަލާމަތްކުރެވޭ ފައިސާ ބޭނުންކުރާނީ ރައްޔިތުންނަށް އެންމެ ބޭނުންތެރި އަސާސީ ޚިދުމަތްތައް ފުޅާކުރުމަށާއި އިޖުތިމާއީ ތަރައްގީގެ ކަންކަމަށް ކަމަށް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް