
މިއީ ރާއްޖޭގެ ހުނަރުވެރި ޒުވާނުންގެ ވިޔަފާރި ޚިޔާލުތައް ހަގީގަތަކަށް ބަދަލުކޮށްދިނުމަށް ބޭނުންވާ މާލީ އެހީތެރިކަން ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ޚާއްސަ ފެސިލިޓީއެކެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.
މި ފެސިލިޓީގެ ދަށުން، އެއްވެސް ރަހުނަކާ ނުލައި އަދި އަމިއްލަ އަތުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭ ގޮތަށް 150،000 ރުފިޔާއާ ހަމައަށް ފައިނޭންސިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަހަރަކު ހަތް ޕަސެންޓުގެ ފައިދާ ރޭޓުގައި ދޫކުރާ މި ފައިނޭންސިން އަނބުރާ ދެއްކުމަށް ޖުމްލަ ފަސް އަހަރުގެ މުއްދަތެއް ލިބޭނެއެވެ. އޭގެ އިތުރުން މި މުއްދަތުގެ ތެރޭގައި ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ވެސް ލިބިގެންދާނެއެވެ.
މި ފިޔަވަހީގެ ދަށުން ފައިނޭންސަށް އެދި ހުށަހެޅުމުގެ ކުރިން، ވިޔަފާރީގެ މާލީ ހިސާބުތައް ބަލަހައްޓާނެ ގޮތާއި ފައިނޭންސިން އެހީތެރިކަމާއެކު ވިޔަފާރި ހިންގުމުގައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަމަށް އަހުލުވެރިކުރުވުމުގެ އޮންލައިން ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހެއެވެ. މި ޕްރޮގްރާމް އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ފުރިހަމަކުރެވޭނެއެވެ.
މި ޕްރޮގްރާމް ނިންމުމަށްފަހު، މި ފިޔަވައްސަށް ކަނޑައަޅާފައިވާ ޖުމްލަ ފައިނޭންސިންގެ އަދަދު ހަމަވަންދެން ބީއެމްއެލް ސްވައިޕް އެޕް ބޭނުންކޮށްގެން އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
މި ފައިނޭންސިންއާ ގުޅޭ ގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، ފުރަތަމަ ފިޔަވައްސަށް ވެސް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށާއި މިފަދަ ފުރުސަތުތަކަކަށް ޒުވާނުން ބޭނުންވެފައިވާ މިންވަރު އޭގެ ސަބަބުން ހާމަވި ކަމަށެވެ. އަދި ޒުވާނުން ބޭނުންވާ ފަދަ މަސައްކަތް ކުރުމުގެ ފުރުސަތު މި ފައިނޭންސިން މެދުވެރިކޮށް ފަހިކޮށްދެވުމަކީ ލިބުނު އުފަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޔޫތު އޮންޓްރަޕްރިނިއަޝިޕް ފައިނޭންސިންގެ ފުރަތަމަ ފިޔަވަހީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 3،000 އަށް ވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށް 300 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ފައިނޭންސިން ވަނީ ކާމިޔާބުކަމާއެކު ދޫކޮށްފައެވެ.





