0 comments 132 views
ރާއްޖޭގެ ކަނޑުން ގެއްލުނު ބައިގެ މައްސަލަ ތަޙުޤީޤުކުރަން ރައީސް ޑރ. މުޢިއްޒު ޚާއްޞަ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފި
1 ނޮވެމްބަރ 2026 (އާދީއްތަ)   13:25
ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލައިގައި ކުރީގެ ސަރުކާރުން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚުތިޔާރުގެ ދަށުން އުފެއްދެވި މި ކޮމިޝަނަށް ނަންދެއްވާފައިވަނީ 'އިޓްލޮސްގެ ކޭސް ނަންބަރު 28 ގައި ދިވެހިރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށް އުފައްދާ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން' ގެ ނަމުގައެވެ.

ކަނޑުގެ ސަރަޙައްދުން ބޮޑު ބައެއް ގެއްލުނު މައްސަލަ ބެލުމަށް މިފަދަ ޚާއްޞަ ކޮމިޝަނެއް އުފައްދަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަހަރުގެ ފެބުރުއަރީ މަހު ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގައިވެސް އިޢުލާނުކުރައްވާފައެވެ.

މި ކޮމިޝަން އުފެއްދެވީ އިޓްލޮސް މައްސަލަ ދިރާސާކުރަން އައްޔަނުކުރި ބައިނަލްއަޤްވާމީ ޚަބީރުންގެ ރިޕޯޓުތަކާ ގުޅިގެންނެވެ. އެ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޮޑު ބައެއް ގެއްލިގެން ދިޔައީ އޭރުގެ ސަރުކާރުން މި މައްސަލައިގައި ކަންކުރި ގޮތުގެ ސަބަބުންނެވެ.

އޭގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށާއި ކަނޑުގެ މުއްސަނދިކަމަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، މައްސަލައިގައި ޝާމިލުވި އެންމެހައި ފަރާތްތަކުގެ ނިންމުންތައް އިންސާފުވެރިކަމާއެކު ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމަކީ ކޮމިޝަން އުފެއްދެވި މައިގަނޑު މަޤްޞަދެވެ.

ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޝަނުގެ ރައީސްކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވަނީ އަލްއުސްތާޛު އަޙްމަދު ޝާކިރު (ކަށިމާ) އެވެ. މި ކޮމިޝަނުގައި ރިޓަޔަރޑް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤާއި، އަލްއުސްތާޛާ ފާޠިމަތު މިންހަތު ޢިއްޒަތުވެސް ހިމެނިވަޑައިގަންނަވައެވެ.

ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިޓްލޮސް މައްސަލައިގައި ދައުލަތުގެ މުވައްޒަފުންނާއި، ޤާނޫނީ އަދި ފަންނީ ލަފާދިން ފަރާތްތަކާއި މަސްއޫލުވެރިން ޢަމަލުކުރި ގޮތް ބެލުމާއި، އެއްވެސް ފަރާތެއްގެ ޤާނޫނީ އިހުމާލެއް އޮތްތޯ ތަޙުޤީޤުކޮށް ލިޔެކިޔުންތައް ރައްކާކުރި ގޮތް ބެލުން ހިމެނެއެވެ.

ރައީސް އޮފީހުން ހާމަކުރި ގޮތުގައި، މި މައްސަލައިގެ ތަޙުޤީޤަށްފަހު ފިޔަވަޅު އަޅަން ފެންނަ ފަރާތްތައް ކަނޑައަޅައި، ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރުނުވާނެ ގޮތަށް ކަންކަން އިންތިޒާމުކުރަން ރައީސަށް ލަފާއަރުވަން ޖެހެއެވެ. އަދި މި ކޮމިޝަން ދެމިއޮންނާނީ އެމަނިކުފާނު މަތިކުރެއްވި މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ކަނޑައަޅުއްވަންދެންނެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް