
ފުލުހުން ރޭ ވިދާޅުވި ގޮތުގައި، ޝާހިދު ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުންނެވެ. ޝާހިދަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތާ ގުޅޭ ގޮތުން ފުލުހުން އެއްވެސް ތަފްސީނެއް އަދި ނުދެއެވެ. ފުލުހުން ހަމައެކަނި ވިދާޅުވީ އެ މައްސަލަ ތަހުގީގުކުރާ ވާހަކައެވެ.
ފުލުހުން މިއަދު ވިދާޅުވީ ޝާހިދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓުގައި ދެންނެވުމުން 30 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ހައްޔަރުކުރުމުގެ ކުރިން، ޝާހިދު 64، "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް ކަމަށެވެ. މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެންމެ ބޭފުޅުން އަރިހުން އެދިވަޑައިގެންނެވިއެވެ.
ޝާހިދު، އެ ޓުވީޓު ކުރެއްވި ވަގުތަކީ ފުލުހުން، އޭނާ ހައްޔަރުކުރަން ވަދެ އުޅުނު ވަގުތެވެ. ޝާހިދު ހައްޔަރުކުރީ ހުޅުމާލޭގައި އޭނާ ދިރިއުޅުއްވާ ރެއިންބޯ އޯޝަން ފްރޮންޓްގައި ހުންނަ އެޕާޓްމަންޓަކުންނެވެ. އެ އެޕާޓްމަންޓުން ނެރެގެން ފުރަތަމަ ގެންދިޔައީ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށެވެ.
އޭގެ ފަހުން، ފުލުހުންގެ ލޯންޗަކަށް އަރުވައިގެން ރޭގެ ވަގުތެއްގައި ގެންދިޔައީ ދޫނިދޫއަށެވެ.
ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވާފައިވާ އަދި އދ. ގެ އާންމު މަޖިލިހުގެ ރައީސްކަން ވެސް ކުރައްވަވާ ޝާހިދު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރާއިރު، އޭނާ ގެންދަވަނީ 2028 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ކެމްޕެއިން ކުރައްވަމުންނެވެ.
ޝާހިދު ވަނީ ޚާރިޖީ ސިޔާސަތާއި ގާނޫނު ހަދާ މަޖިލީހުގެ ހިންގުމާއި އަދި ބައިނަލްއަގްވާމީ ލީޑާޝިޕްގެ ދާއިރާއިން 40 އަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްތަކެއް ކުރައްވައިފައެވެ. ޝާހިދު ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވަން ފެއްޓެވީ، ޖުލައި، 1983 ގައެވެ. ޚާރިޖީ ޚިދުމަތް އޭނާ ފެއްޓެވީ އެންމެ އާދައިގެ މުވައްޒަފެއްގެ ގޮތުގައެވެ. ޝާހިދު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ވެސް ވަރަށް ގިނަ މަގާމުތަކެއް ފުރުއްވައިފައެވެ.





