
ޖަލުގައި ހުރެގެން 2022 ވަނަ އަހަރު ރާއްޖޭގެ ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި ލުތުފީ ބުނެފައިވަނީ ނޮވެމްބަރު 3 ގެ ހަމަލާގެ ހުރިހާ ތަފުސީލެއް އޭނާގެ ވިޔަފާރި ބައިވެރިޔާ، ސިއްކަ އަހުމަދު އިސްމާއިލް މަނިކަށް އެނގޭނެ ކަމަށެވެ. އެ ދެ މީހުން ވަނީ އަވަށްޓެރި ސްރީލަންކާގައި އަސްދޫނި ގެންގުޅުމުގެ ވިޔަފާރިއެއް (ޑަކް ފާމް) ހިންގާފައެވެ.
ލުތުފީ ބުނީ މި ހަމަލާއާ ގުޅިގެން ސިއްކަ އެންމެ ފުރަތަމަ އެދުނު ކަމަކީ ރައީސް މައުމޫން އަވަހާރަކޮށްލުމެވެ. އަދި ސިއްކަ މި ހަމަލާއަށް ސީދާ ފައިނޭންސް ނުކުރި ނަމަވެސް، އެ ދެ މީހުންގެ ގުޅިގެން ހިންގާ ވިޔަފާރީގެ އާމްދަނީގެ ބައެއް އެކަމަށް ހޭދަކޮށްފައިވާ ކަމަށާއި، ހަމަލާގެ ރޭވުން އެ ދެ ބައިވެރިންނަށް ފުރިހަމައަށް އެނގޭ ކަމަށް އޭނާ ބުންޏެވެ.
ލުތުފީ ބުނީ ބަޢާވާތާ ދިމާލަށް އޭނާ ގެންދިއުމަށް ސިއްކަ ހިތްވަރުދީ، ސަޕޯޓުކުރި ކަމަށެވެ. ސަރުކާރު ވައްޓާލަންޖެހޭކަން ސާބިތުކޮށްދިނުމަށްޓަކައި، ރައީސްގެ ނުބައިކަމާއި ގޯސްކަމުގެ ވާހަކަތައް ސިއްކަ ދެއްކި ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ކުރީގެ ފޮރިން ސެކްރެޓަރީ އިބްރާހީމް ހުސައިން ޒަކީ މެދުވެރިކޮށް ހޯއްދެވި މުހިންމު މައުލޫމާތުތައް ސިއްކަ ހިއްސާކުރި ކަމަށް ލުތުފީ ބުނެފައިވެއެވެ. އިބްރާހީމް ހުސައިން ޒަކީއާއި ސިއްކަ އަކީ ގާތް ރަޙްމަތްތެރިން ކަމަށާއި، ޒަކީ ސިއްކައަށް ކޮންމެ އެއްޗެއް ކިޔައިދޭން ވެސް ފަސްނުޖެހޭ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. ނަމަވެސް، ކުރިއަށް އޮތް ހަމަލާގެ މައުލޫމާތު ޒަކީއަށް އެނގިވަޑައިނުގަންނަވާ ކަމަށާއި، ސިއްކަ އޭނާގެ ކިބައިން މައުލޫމާތު ނަގަމުންދިޔަ ކަން ވެސް ޒަކީއަށް ނޭނގޭ ކަމަށް ލުތުފީ ބުނެފައިވެއެވެ.
ވެރިއަކަށް ވުމަށްޓަކައި ސިއްކަ މި ބަޢާވާތަށް އެހީތެރިވީތޯ ސުވާލުކުރުމުން، އެއީ ސިއްކަގެ އެންމެ ފަހުގެ މަގުސަދު ކަމަށް ނުބެލެވޭ ކަމަށް ލުތުފީ ބުނެފައިވެއެވެ. ސިއްކަ ބޭނުންވީ ރައީސް މައުމޫނަކީ ވެރިކަން ކުރުމަށް ގާބިލު ބޭފުޅެއް ނޫން ކަމަށް ފެންނާތީ، ސަރުކާރު ބަދަލުކުރަން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ނަސްރުގެ ދުވަހުގެ ބަޢާވާތުގައި ބައިވެރިވުމުގެ ކުށް ސާބިތުވެ، ސިއްކަ އަހުމަދު އިސްމާއިލް މަނިކަށް އިއްވުނީ 15 އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް، ޖަލުގައި 2 އަހަރު ހޭދަކުރެއްވުމަށްފަހު، ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް، އެ ހުކުމުގެ ބާކީ ބައިގެ ތެރެއިން 4 އަހަރު ހޭދަކުރެއްވީ އެ ޤައުމުގައެވެ. ރާއްޖެ އެނބުރި އައުމުން ރައީސުލްޖުމްހޫރިއްޔާގެ މާފު ލިބިވަޑައިގެން، އޭގެ ފަހުން އޭނާ ހުރީ މިނިވަންކަމާއެކުގައެވެ.
އަނެއްކޮޅުން، ލުތުފީއަށް އިއްވާފައިވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ. އޭނާ ބޭސްފަރުވާއަށް ފުރައިގެން ގޮސް ހުރީ ސްރީލަންކާގައެވެ. ސްރީލަންކާގައި ހިނގި އީސްޓާ ބޮމުގެ ހާދިސާއަށްފަހު، ލުތުފީ ހުރީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގައެވެ. ނަމަވެސް އޭނާ އަތުލައިގަނެ، އަނބުރާ ރާއްޖެ ގެނެވުނެވެ.
އެއަށްފަހު، ކުރީގެ ހުކުމުގެ ބާކީ ބަޔާއެކު، އިތުރު 7 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވުނެވެ. އެ މައްސަލާގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރި ސަގަރު ނާޞިރު ވަނީ ޖަލު ހުކުމް ފުރިހަމަކުރުމަށްފަހު މިހާރު މިނިވަންވެފައެވެ.





