
މަޖިލީހުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖޭގެ ކަނޑުއޮޅިތަކުން ދަތުރުކުރާ އުޅަނދުތަކުން މަންފާ ހޯދުމުގެ ވާހަކަ އެކި ސަރުކާރުތަކުން ދެއްކި ނަމަވެސް އެކަން ޢަމަލީ ގޮތުން ޙަޤީޤަތަކަށް ހައްދަވައިދެއްވީ މި ސަރުކާރުން ކަމަށެވެ.
މިގޮތުން ދެ ބޯޓު ގެނެސްގެން ބަންކަރިންގެ ޚިދުމަތް ފެށުމާއެކު މިހާތަނަށް 90.07 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 1.39 ބިލިއަން ރުފިޔާގެ ބޮޑު އާމްދަނީއެއް ރާއްޖެއަށް ހޯދިފައިވާ ކަމަށް ސަޢީދު ހާމަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މިއީ އެންމެ 400 މިލިއަން ޑޮލަރަކުން ނިމޭނެ ކަމެއް ނޫން ކަމަށާއި، މިއަށްވުރެ މާ ބޮޑު މާލީ ފައިދާއެއް ހޯދުމުގެ ފުރުޞަތު މި ދާއިރާއިން ރާއްޖެއަށް ފަހިވެފައިވާ ކަމަށެވެ.
ބަންކަރިން ޚިދުމަތުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ސަޢީދު ވިދާޅުވީ، ފޯރުކޮށްދިން ތަކެތީގެ 70.31 އިންސައްތައަކީ ލޯ ސަލްފާ ފިއުލް (ވީއެލްއެސްއެފް) ކަމަށެވެ. އަދި މިހާތަނަށް 72،000 މެޓްރިކް ޓަނުގެ ވީއެލްއެސްއެފް ބޯޓުތަކަށް ފޯރުކޮށްދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ ކުރިން ބައިނަލްއަޤްވާމީ އުޅަނދުތަކަށް އެފަދަ ތެޔޮ ލިބެމުންދިޔައީ އަވަށްޓެރި އެހެން ޤައުމުތަކުން ކަމަށާއި، މި ސަރުކާރުން އެ ފުރުޞަތު ދިވެހީންނަށް ޚާއްޞަ ވިޔަފާރިއަކަށް ބަދަލުކޮށްލުމަކީ ޤައުމަށް ލިބުނު ބޮޑު ކުރިއެރުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އެސްޓީއޯގެ އަހަރީ ހިސާބުތަކުން ވެސް އެ ކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ވަންނަ ޚިދުމަތްތަކުގެ ތެރޭގައި އިންޓަނޭޝަނަލް ބަންކަރިންގެ ޚިދުމަތް ހިމެނޭކަން ފާހަގަކުރެވިފައިވާ ކަމަށް ވަޒީރު މުޙައްމަދު ސަޢީދު ވަނީ ވިދާޅުވެފައެވެ.





