
މި މުހިންމު ކެމްޕެއިން ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް މުޙައްމަދު އަމީން އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޔާސިރެވެ.
ކެމްޕެއިން އިފްތިތާހު ކުރުމަށްފަހު ޑަބްލިއުޓީއެމްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، "ވިޒިޓް މޯލްޑިވްސް އިޔާ 2027 – ސެލެބްރޭޓް ދަ ސަނީ ސައިޑް" ކެމްޕެއިނަކީ 2027 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށް، ގައުމުގެ ފުރިހަމަކަން ތަޖުރިބާކޮށް އެކަންކަން ދުނިޔެއަށް ހާމަކޮށްދިނުމަށް ދެވޭ ދައުވަތެއް ކަމަށެވެ.
މީގެއިތުރުން، ދިވެހިންގެ މުއްސަނދި ސަގާފަތާއި ހިތްހެޔޮ މެހެމާންދާރީގެ އިތުރުން ރާއްޖޭގައި ލިބެންހުރި ތަފާތު ތަޖުރިބާތައް ދުނިޔެއަށް ދައްކުވައިދިނުމަކީ މި ކެމްޕެއިންގެ މައިގަނޑު އެއް ބޭނުން ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށާއި މުޖުތަމައުތަކަށް އިތުރު ފުރުސަތުތަކެއް ތަނަވަސްވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ މި ކެމްޕެއިނުގެ އެހީގައި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއާމެދު އޮތް ޝައުގުވެރިކަން އިތުރުކުރުމެވެ. އަދި ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ރާއްޖެ ހޯދާފައިވާ ވަރުގަދަ މަގާމު ދަމަހައްޓައި، ކުރިއަށް އޮތް އަހަރުތަކަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ކާމިޔާބު ދުވަސްތަކަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ލަންޑަނުގައި ބާއްވާ ޑަބްލިއުޓީއެމް ފެއާއަކީ ޔޫރަޕް ބައްރުގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑެތި އަދި އެންމެ ނުފޫޒުގަދަ ފެއާތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ. މި ފެއާގައި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކުންނާއި ކަމާގުޅޭ ފަރާތްތަކުން ދަނީ ބައިވެރިވަމުންނެވެ.
މި ފަހަރުގެ ފެއާގައި ރާއްޖޭގެ ފަރާތުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 62 ކުންފުންޏަކުން ޖުމްލަ 136 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.





