
މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި މި ބޭފުޅުންނަށް ޝަރަފުގެ ޚާއްސަ އައްޑަނަ ހަވާލުކޮށްދެއްވީ ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މީގެ 36 އަހަރު ކުރިން ބޭރުގެ ކުލީ ސިފައިންނާ ގުޅިގެން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލަން ދިން ހަމަލާގައި، ސިފައިންގެ މައި މަރުކަޒުން ހަނގުރާމައިގެ މައިދާނަށް ޖުމްލަ 9 ބޭފުޅަކު ނުކުމެވަޑައިގެންނެވިއެވެ. އޭގެ ތެރެއިން 3 ބޭފުޅަކު ވަނީ ދުޝްމަނުންގެ ހަމަލާތަކުގައި ޤައުމަށްޓަކައި ފުރާނައިން ފިދާވެ ޝަހީދުވެވަޑައިގެންފައެވެ.
އެ ދުވަހު ރެކީ ޕެޓްރޯލްގެ ކޮމާންޑަރެއްގެ ގޮތުގައި އިސްވެ ހުންނަވައި މައިދާނަށް ނުކުމެވަޑައިގެންނެވި ރިޓަޔާޑް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލުގެ ޤައުމީ ޚިދުމަތުގެ އަގުވަޒަންކުރައްވައި، ދައުލަތުން ވަނީ މީގެ ކުރިން އެމަނިކުފާނަށް ނިޝާން އަސްކަރީގެ ވެރިކަމުގެ ލަގަބު އަރުވާފައެވެ.
ރައީސް ޑރ. މުޢިއްޒުގެ ޒައާމަތުގައި ރޭ ޝަރަފުގެ ޚާއްސަ އައްޑަނަ އެރުވުނު ފަސް ބޭފުޅުންނަކީ ދިގު މުއްދަތެއްގައި ސިފައިންގެ ޚިދުމަތުގައި ދެމިތިއްބަވައި، ޤައުމަށް މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ނޮވެންބަރު ތިނެއްގެ އުދުވާނުގައި ދިވެހި އަސްކަރިއްޔާއިން ދެއްކެވި ހިތްވަރާއި ސާބިތުކަން ފާހަގަކުރައްވައި، މިނިވަންކަން ރައްކާތެރިކުރުމުގައި ޝަހީދުވި ބޭފުޅުންގެ ޒިކުރާ އާކުރައްވާފައެވެ.
ހަމައެއާއެކު ހަނގުރާމައިގެ މައިދާނަށް ނުކުމެވަޑައިގެން ދިވެހި ދިދަ އުހުގައި ބެހެއްޓެވުމަށް މަސައްކަތްކުރެއްވި ބަތަލުންގެ ޚިދުމަތްތަކަކީ އަބަދުވެސް ދިވެހި ތާރީޚުގައި ރަން އަކުރުން ފެވިގެންދާނެ އަގުހުރި ޚިދުމަތްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.





