0 comments 54 views
ވޭމަންޑޫގައި 50 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް އަޅަން ސަރުކާރުން ކުވައިތު ފަންޑުން 9.7 މިލިއަން ޑޮލަރު ކަށަވަރުކޮށްފި
5 ނޮވެމްބަރ 2026 (ބުރާސްފަތި)   03:43
ތ. ވޭމަންޑޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލް 50 އެނދުގެ ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށްޓަކައި، ކުވައިތު ފަންޑު ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ) މެދުވެރިކޮށް ސަރުކާރުން 9.7 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 150 މިލިއަން ރުފިޔާ) ގެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. ކުވައިތު ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ އެކްޓިން ޑިރެކްޓާ ޖެނެރަލް ރަޝައިދު އަލްބަދަރެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ޒަރީރު ވިދާޅުވީ، މިއީ ހަމައެކަނި އިމާރާތެއް ބިނާކުރުމުގެ އެއްބަސްވުމެއް ނޫން ކަމަށާއި، މިއީ ރައްޔިތުންގެ ދުޅަހެޔޮކަމަށާއި ގައުމުގެ ކުރިމަގުގެ ފާގަތިކަމަށް ކުރެވުނު މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި ކޮންމެ ރައްޔިތަކަށްވެސް އެމީހަކު ދިރިއުޅޭ ރަށަކުން ފެންވަރު ރަނގަޅު ހިދުމަތެއް ކަށަވަރުކޮށްދިނުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތު ކަމުގައިވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކޭއެފްއޭއީޑީގެ އެކްޓިން ޑިރެކްޓާ ޖެނެރަލް ރަޝައިދު އަލްބަދަރު ވިދާޅުވީ، މިއީ އެ ފަންޑުން ރާއްޖެއަށް ދޫކުރި 15 ވަނަ ލޯނު ކަމަށާއި، މިއީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އެ ފަންޑުން އިންވެސްޓްކުރި ފުރަތަމަ ފަހަރު ކަމަށެވެ. އަދި ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ތަރައްގީއަށް 185 މިލިއަން ޑޮލަރުގެ ލޯނާއި 5.7 މިލިއަން ޑޮލަރުގެ އެހީ ދީފައިވާނެކަން އޭނާ ހާމަކުރެއްވިއެވެ.

މީގެއިތުރުން، އަންނަ އަހަރުން ފެށިގެން ރާއްޖެއަށް ކުވައިތު ފަންޑުން ކަނޑައަޅާފައިވާ އަހަރީ ލޯނު ލިމިޓް 10 މިލިއަން ޑޮލަރުން 40 މިލިއަން ޑޮލަރަށް ބޮޑުކުރަން ނިންމާފައިވާކަން އެ ފަންޑުން ވަނީ ހާމަކޮށްފައެވެ. އަދި ސަރުކާރުން ކުރިއަށްގެންދާ ތިލަފުށީ ބަނދަރު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއަށް ފައިނޭންސް ކުރުމުގެ މަޝްވަރާތައް ފެށުމަށްވެސް ކުވައިތު ފަންޑުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ވޭމަންޑޫ ހޮސްޕިޓަލްގެ މަޝްރޫއާ ގުޅޭގޮތުން ހެލްތު މިނިސްޓަރު ގީލާ އަލީ ވެސް ވަނީ މި ހަފުތާގައި ކުވައިތު ފަންޑުގެ ވަފުދާ ބައްދަލުކުރައްވައި، ސިއްހީ ހިދުމަތްތައް ފުޅާކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވޭމަންޑޫއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ އަތޮޅު ހޮސްޕިޓަލް ޒަމާނީ ފެންވަރަށް ތަރައްގީކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ބޮޑު އަގު ދީފައި ދުރު ރަށްރަށަށް ދަތުރުކޮށްގެން ސިއްހީ ހިދުމަތް ހޯދަންޖެހޭ ދަތިކަން ނިމުމަކަށް ގެނެސްދެއްވުމަކީ ރައީސްގެ މުހިންމު އަމާޒެކެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް