
މާލެ ސަރަޙައްދުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން 115 ހެކްޓަރުގެ ބިން މިހާތަނަށް ހިއްކާ ނިންމާލާފައިވާ ކަމަށް އެމްއޭސީއެލް އިން ހާމަކޮށްފިއެވެ.
އެ ކުންފުނިން މަޢުލޫމާތު ދިން ގޮތުގައި، ގިރާވަރުފަޅުން ޖުމްލަ ހިއްކުމަށް ހަމަޖެހިފައިވާ 167.15 ހެކްޓަރުގެ ބިމުގެ ތެރެއިން މިހާތަނަށް ވަނީ މުޅި މަޝްރޫޢުގެ 68 އިންސައްތަ ނިންމާލެވިފައެވެ. ގިރާވަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުނުކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ މިއަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުއެވެ.
ކުރީގެ ސަރުކާރު ނިމުނުއިރު ގިރާވަރުފަޅުން ހިއްކިފައި އޮތީ އެންމެ 70 ހެކްޓަރުގެ ބިމެވެ. މި ސަރުކާރުން އެމްއޭސީއެލްއާ މި މަސައްކަތް ހަވާލުކުރީ ގޯތި ދޫކުރިއިރު ނުހިއްކި އޮތް 97.15 ހެކްޓަރުގެ ބިން އަވަހަށް ހިއްކައި ނިންމުމަށެވެ.
ގިރާވަރުފަޅުގެ މަސައްކަތް އަވަސް ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށްޓަކައި އެމްއޭސީއެލްއިން ދަނީ ދުނިޔޭގެ އެންމެ ބޮޑެތި ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ 35,000 ކިއުބިކް މީޓަރުގެ 'ކުއީން އޮފް ދަ ނެދަލޭންޑްސް' ޑްރެޖަރާއި 22,000 ކިއުބިކް މީޓަރުގެ 'އޮރޭންޖް' ޑްރެޖަރު ބޭނުންކުރަމުންނެވެ. އެ ކުންފުނިން ފާހަގަކުރި ގޮތުގައި ކުއީން އޮފް ދަ ނެދަލޭންޑްސް އިން ދަނީ މި މަޝްރޫޢުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.
ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާއެކު ގިރާވަރުފަޅުން ޖުމްލަ 4,072 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ ކުރިން ރައީސް ޑރ. މުޢިއްޒާއި ކެބިނެޓް ވަޒީރުން ވަނީ އެ ސަރަޙައްދަށް ޒިޔާރަތްކުރައްވައި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.
މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެފައިވަނީ ބިން ހިއްކައި ނިމުމުގެ ކުރިން ރަޖިސްޓްރީގެ މަސައްކަތް ފަށައި، ސާވޭ ކުރެވޭ މިންވަރަކުން ގޯތިތައް ރައްޔިތުންނާ ހަވާލުކުރާނެ ކަމަށެވެ. އަދި ބިން ހިއްކާ ނިމުމާއެކު ފެނާއި ނަރުދަމާ އަދި ކަރަންޓުގެ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތްވެސް އަވަހަށް ކުރިއަށްގެންދަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.





