
ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ހަނޑުލާއި ހަކުރާއި ފުށަކީ އެކަނި އަސާސީ މުދާ ކަމަށް ބަލައިގެން ސިޔާސަތުތައް އެކަށައަޅަމުން އަންނަތާ ފަސްދޮޅަހަކަށް އަހަރު ވެފައިވާ ކަމަށެވެ. އެހެންނަމަވެސް، ރައްޔިތުންގެ ދިރިއުޅުމަށް އައި ބަދަލުތަކާ އެއްގޮތަށް އެ ލިސްޓު ޒަމާނާ އެއްގޮތަށް އަދާހަމަކުރުމަށް މީގެ ކުރީގެ އެއްވެސް ސަރުކާރަކުން މަސައްކަތްކޮށްފައި ނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައްޔިތުންގެ ޒަމާނީ ދިރިއުޅުމުގެ ބޭނުންތަކަށް ރިއާޔަތްކުރައްވައި އެ ލިސްޓު އިސްލާހުކުރެއްވުމަށް އެންމެ ބޮޑު އިސްކަމެއް ދެއްވި ކަމަށް ސައީދު ވިދާޅުވިއެވެ. އެގޮތުން ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ އެއްގޮތަށް، ޖުމްލަ 26 ބާވަތެއް އަސާސީ މުދަލުގެ ގޮތުގައި ސަރުކާރުން މިހާރު ވަނީ ރަސްމީކޮށް ކަނޑައަޅާފައެވެ.
މި އައު ލިސްޓުގައި 10 ބާވަތެއްގެ މޭވާއާއި، 10 ބާވަތެއްގެ ތަރުކާރީގެ އިތުރުން މުގާއި، ކުކުޅު ބިހާއި، ކާށި ވަނީ ހިމަނާފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި ޒިންމާދާރު ވެރިކަމެއްގެ މައިގަނޑު މަސްއޫލިއްޔަތަކީ ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތައް ދެނެގަނެ، އެކަމާ އެއްގޮތަށް ސިޔާސަތުތައް ބައްޓަންކުރުމެވެ.
ބާޒާރުގައި ތަކެތީގެ އަގު ކޮންޓްރޯލްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އަލަށް ކަނޑައެޅި 26 ބާވަތުގެ އިތުރުން ތުއްތުކުދިންގެ ކިރު ހިމެނޭހެން ޖުމްލަ 80 ބާވަތެއްގެ މުދަލުގެ އަގު ސަރުކާރުން މިހާރު ގަވާއިދުން މޮނީޓާކޮށް ބަލަހައްޓަމުން ގެންދާ ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.
ދުނިޔޭގެ ސިޔާސީ މަސްރަހުގެ ހަމަނުޖެހުންތަކާއި، ހޮރްމުޒް ކަނޑުއޮޅި ބަންދުވުން ފަދަ ކަންކަމުގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުގެ އަގުތަކަށް އަންނަ ބަދަލުތަކުން ރައްޔިތުންނަށް ކުރާ ނޭދެވޭ އަސަރު އެންމެ ކުޑަކުރުމަކީ މި ނިޒާމުގެ މައިގަނޑު މަގުސަދު ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ފައިދާއަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ސަރުކާރުން ސާބިތުކަމާއެކު އަޅަމުން ގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.





