0 comments 87 views
ވަޒީރު ސަޢީދަކީ ޤައުމަށް ނަތީޖާ ނެރެދެއްވާ ޒިންމާދާރު ބޭފުޅެއް: މަޖިލީހުގެ އިތުބާރާއެކު ޝިޔާމްގެ ތަޢުރީފު
5 ނޮވެމްބަރ 2026 (ބުރާސްފަތި)   03:44
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދަކީ އެމަނިކުފާނާ ޙަވާލުކުރެވޭ ކޮންމެ ކަމެއްވެސް ޒިންމާދާރުކަމާއެކު ކުރައްވައި، ނަތީޖާ ނެރެދެއްވާ ބޭފުޅެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޝިޔާމް މީސްމީޑިއާގައި މިހެން ވިދާޅުވެ ވަޒީރު ސަޢީދަށް ތަޢުރީފުކުރައްވާފައިވަނީ، އިދިކޮޅު އެމްޑީޕީން ސަޢީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން، އެ މައްސަލަ މަޖިލީހުގެ 54 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްނުވެ، ސަޢީދަށް އިތުބާރު އޮތްކަން ކަށަވަރުވެގެން ދިޔަ ދަނޑިވަޅުގައެވެ.

އިދިކޮޅު އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރައްވައި ހުށަހެޅުއްވި މި މައްސަލައަށް ރައްޔިތުންގެ މަޖިލީހުގައި ޖަވާބުދާރީވެވަޑައިގަތުމަށް ސަޢީދަށް ލިބިވަޑައިގެންނެވި 60 މިނެޓުގެ ތެރޭގައި، އެމަނިކުފާނު ވަނީ އިތުބާރު ނެތްކަމުގެ މައްސަލައިގައި ފާހަގަކޮށްފައިވާ ހުރިހާ ނުކުތާތަކަކަށް ވަރަށް ތަފްޞީލުކޮށް ޖަވާބުދާރީވެވަޑައިގެން ރައްދު ދެއްވާފައެވެ.

ވަޒީރު ޝިޔާމް ވިދާޅުވި ގޮތުގައި، ސަޢީދަކީ ކޮން ބޭފުޅެއްކަން އެމަނިކުފާނަށް އެންމެ ފުރަތަމަ އެނގިވަޑައިގަތީ 2013 އިން 2018 އަށް އޮތް ޕީޕީއެމްގެ ސަރުކާރުގައި، އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރުގެ މަޤާމުގައި ސަޢީދު ހުންނަވައިގެން ޤައުމަށް ޚިދުމަތް ކުރެއްވި ދުވަސްވަރުގައެވެ.

އެ ދުވަސްވަރުން ފެށިގެންވެސް ވަޒީރު ސަޢީދަކީ ޙަވާލުވެވަޑައިގަންނަވާ ކޮންމެ ކަމެއް ކާމިޔާބުކަމާއެކު ޑެލިވަރ ކުރެއްވުމަށްޓަކައި ނުހަނު ޒިންމާދާރުކަމާއެކު މަސައްކަތްޕުޅު ކުރައްވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.

ވަޒީރު ޝިޔާމާއި ވަޒީރު ސަޢީދަކީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސުންގެ މަޤާމަށް އެ ޕާޓީގެ މަތީ މަޖިލީހުން އިންތިޚާބުކޮށްފައިވާ ދެ ބޭފުޅުންނެވެ. އަދި އެ ދެ ބޭފުޅުންނަކީ 2019 އިން ފެށިގެން 2023 ގައި ވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމާ ހަމައަށް ރައްޔިތުންގެ މަޖިލީހުގައިވެސް އެކުގައި ޤައުމީ މަސައްކަތްޕުޅު ކުރެއްވި ދެ ބޭފުޅުންނެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް