0 comments 96 views
އުމުރުން 65 އަހަރުން މަތީގެ ރައްޔިތުންނަށް ޕެންޝަން ފައިސާއިން ފަރުޟު ޙައްޖުވެވޭނެ މަގު ސަރުކާރުން ފަހިކޮށްދީފި
5 ނޮވެމްބަރ 2026 (ބުރާސްފަތި)   06:03
މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ބައިވެރީންގެ ތެރެއިން އުމުރުން 65 އަހަރު ފުރިފައިވާ ފަރާތްތަކަށް ވެސް ޕެންޝަން ފައިސާ ބޭނުންކޮށްގެން ފަރުޟު ޙައްޖުވުމަށް ޖާގަ ރިޒާވްކުރެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށް އަމަލުކުރަން ފަށައިފިއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ”ފަރުޟު ހައްޖުވުމަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު“އަށް ގެނައި ދެވަނަ އިސްލާހު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް، ރަސްމީކޮށް އަމަލުކުރަން ފަށާފައެވެ.

މި އިސްލާހުގެ ދަށުން، މީގެ ކުރިން އުމުރުން 65 އަހަރު ފުރުމުން ނުވަތަ ޖާގަ ކަށަވަރުވާއިރު އެ އުމުރު ފުރޭތީ ޕެންޝަން ފައިސާއިން ޖާގަ ރިޒާވްނުކުރެވި ތިބި ފަރާތްތަކަށް ވެސް، ޝަރުތު ފުރިހަމަވާނަމަ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ މަގު ސަރުކާރުން ވަނީ ތަނަވަސްކޮށްދީފައެވެ.

މި ސްކީމުގެ ދަށުން ޙައްޖަށް ދިއުމަށް ޝަރުތު ހަމަވަނީ މީގެ ކުރިން ފަރުޟު ޙައްޖު އަދާކޮށްފައިނުވާ އަދި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި މަދުވެގެން 336،000 ރުފިޔާ ހުންނަ މެންބަރުންނަށެވެ. އަދި ބޯހިޔާވަހިކަމަށް ފައިސާ ރަހުނުކޮށްފައިވާނަމަ، އެ އަދަދު އުނިކުރުމަށްފަހު ވެސް އެކައުންޓުގައި އެ މިންވަރަށް ފައިސާ ހުންނަންޖެހެއެވެ.

އައު އުސޫލުގައިވާ ގޮތުން، ޙައްޖަށް މީހުން ގެންދާ ސަރުކާރުގެ ކުންފުންޏަށް ދަތުރުގެ ޖުމްލަ އަގުގެ 20 އިންސައްތަ ދެއްކުމަށްފަހު، ބާކީވާ 80 އިންސައްތަ ފައިސާ ޕެންޝަން އެކައުންޓުން ހަމަޖައްސަން ހުށަހެޅޭނެއެވެ. މި ފައިސާ ވަގުތުން އެކައުންޓުން އުނިނުވެ، ޙައްޖު ކޯޕަރޭޝަނާ ހަވާލުކުރުމާ ހަމައަށް ދާނީ އިންވެސްޓްކުރެވެމުންނެވެ.

މީގެ އިތުރުން، ޕެންޝަން އުމުރު ހަމަވެފައިވާ ނުވަތަ އެ އަހަރު އުމުރު ހަމަވާ މީހުންގެ ތެރެއިން އަމިއްލައަށް ފައިސާ ދައްކައިގެން ކުރިން ޖާގަ ހޯދާފައިވާ ފަރާތްތަކަށް ވެސް ޕެންޝަން ފަންޑުން ފައިސާ ހަމަޖެއްސޭނެ އިންތިޒާމު ވަނީ ފަހިކޮށްދީފައެވެ. އެފަދަ ފަރާތްތަކުން ދެއްކި ފައިސާއިން 20 އިންސައްތަ އުނިކުރުމަށްފަހު ބާކީބައި އަނބުރާ ލިބޭނެއެވެ.

ގަވާއިދުގައިވާ ގޮތުން، ކޮންމެ ހިޖުރީ އަހަރެއްގެ ޙައްޖު ދުވަހުގެ މަދުވެގެން 8 މަސް ކުރިން ޙައްޖު ކޯޕަރޭޝަނުން ފައިސާ ހޯދަން ހުށަހަޅަންޖެހޭއިރު، 15 ދުވަހުގެ ތެރޭގައި ޕެންޝަން އޮފީހުން ފައިސާ ޓްރާންސްފަރ ކުރަންޖެހެއެވެ. އަދި އެއްވެސް ސަބަބަކާހުރެ މީހަކަށް ޙައްޖަށް ނުދެވިއްޖެނަމަ، ފައިސާ އަނބުރާ ޕެންޝަން އެކައުންޓަށް ޖަމާކޮށްދޭންޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް