0 comments 78 views
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ކުރިއަށް: ހުޅުމާލޭގައި އަޅާ 182 ފްލެޓުގެ ކޮންކްރީޓް މަސައްކަތް ބާރަށް ފަށައިފި
6 ނޮވެމްބަރ 2026 (ހުކުރު)   06:23
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސްގެ އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރާ ހައުސިންގ ޔުނިޓުތަކުގެ ތެރެއިން 182 ޔުނިޓުގެ ފައުންޑޭޝަން ނިންމައި ކޮންކްރީޓް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫއަކީ އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް 1 ގައި ތަރައްގީ ކުރަމުން އަންނަ 364 ހައުސިން ޔުނިޓުގެ މަޝްރޫއެކެވެ. މީގެ ދަށުން އިމާރާތް ކުރަނީ 900 އަކަފޫޓުގެ ޖާގަ ހިމެނޭ ތިން ކޮޓަރީގެ ފުލެޓުތައް އެކުލެވޭ ދެ ޓަވަރެވެ.

ބީއެމްއެލްގެ ތަރުޖަމާނު ސައީދު އަދި އެ ބޭންކުން ހާމަކުރި ގޮތުގައި، މިދިޔަ މާރިޗު މަހުގެ ފަހުކޮޅު ބިންގާ އެޅި މި ފުލެޓުތަކުގެ ތެރެއިން 182 ފުލެޓެއްގެ ފައުންޑޭޝަން ތައްޔާރުކޮށް، ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ދަނީ ބާރަށް ކުރިއަށެވެ.

ރައްޔިތުންނަށް ބޯހިޔާވަހިކަން ފަހިކޮށްދިނުމުގެ ގޮތުން ކުޑަ އަގެއްގައި ގެދޮރު ހޯދޭނެ ފުރުސަތުތައް އިތުރުކުރުމަށް ސަރުކާރުގެ ކެބިނެޓުން މީގެ ކުރިން ވަނީ "ނެޝަނަލް ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ ޕްރޮޖެކްޓް" ފެށުމަށް ނިންމައިފައެވެ. އެ ސިޔާސަތުގެ ދަށުން ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ އިން މާލެ ސަރަހައްދުގައި މިވަގުތު ވެސް 3،260 ހައުސިންގ ޔުނިޓު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ކުރަމުންދެއެވެ.

ބީއެމްއެލްގެ އަގުހެޔޮ ފްލެޓުތައް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެ ބޭންކުން ލަފާކުރެއެވެ. މި މަޝްރޫއުގެ ދަށުން ވިލިމާލޭގައި 300 ފްލެޓް އަދި ހުޅުމާލެ 1 އާއި ހުޅުމާލެ 3 ގައި 2،700 ފްލެޓާއެކު ޖުމްލަ 3،000 ފްލެޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތްތައް ހަވާލުކޮށްފައިވާ ދިވެހި ކުންފުނިތަކަކީ އަމީން ކޮންސްޓްރަކްޝަނާއި އެފްޑަބްލިއު ކޮންސްޓްރަކްޝަންގެ އިތުރުން އާރުސީސީއެވެ. މީގެ އިތުރުން ބޭރުގެ ދެ ކުންފުނި ކަމަށްވާ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕާއި ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަނާ ވެސް މަސައްކަތްތަކެއް ވަނީ ހަވާލުކޮށްފައެވެ.

މި ފްލެޓުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އެމްއެމްއޭގެ ހުއްދައާއެކު، ޝަރީއާ ހަމަތަކަށް ފެތޭ ގޮތަށް "ލީސް އެންޑިން ވިތު އޯނަޝިޕް" މޮޑެލްގެ ދަށުން ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ. މި އުސޫލުން ކުލި ދައްކައި ނިމުމުން އެ ތަނެއް ކުއްޔަށް ނަގާ މީހާގެ މިލްކަކަށް ވެގެންދާނެއެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ކުރިން ވިދާޅުވެފައިވާ ގޮތުގައި، އަގުހެޔޮކޮށް ރައްޔިތުންނަށް ދިނުމަށް އިމާރާތްކުރާ މި ފްލެޓުތަކުގެ ބިން ސަރުކާރުން ބީއެމްއެލްއަށް ދޫކޮށްފައިވަނީ ހިލެއެވެ. މި ފްލެޓުތައް ދޫކުރާނީ ސަރުކާރުން އިއުލާންކުރާ ޕްރޮގްރާމަށް ކުރިމަތިލައިގެން ހޮވޭ އަދި ބޭންކުގެ އުސޫލުތަކަށް ފެތޭ ފަރާތްތަކަށެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް