0 comments 51 views
ހިޔާވަހި ލޯނުގެ ކަންބޮޑުވުންތަކަށް ރައްޔިތުން އެދޭ އަވަސް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
6 ނޮވެމްބަރ 2026 (ހުކުރު)   05:16
އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށާއި އިމާރާތް މަރާމާތު ކުރުމަށް ސަރުކާރުން ހުޅުވާލާފައިވާ "ހިޔާވަހި ފައިނޭންސް ސްކީމް" އާ ގުޅޭގޮތުން އާންމުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޔަގީންކަން ދެއްވީ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 12 ވަނަ ޕްރޮގްރާމްގައި ބައިވެރިވި އާންމު ރައްޔިތަކު ފާޅުކުރި ޝަކުވާތަކާ ގުޅިގެންނެވެ. އެ ފަރާތުން ވަނީ ލޯނު ދޫކުރުން ލަސްވުމުގެ އިތުރުން، އެދިފައިވާ އަދަދަށް ވުރެ ލިބުނު ފައިސާގެ މިންވަރު މަދުވުމުގެ ކަންބޮޑުވުން ރައީސާ ހިއްސާކޮށްފައެވެ.

އެ ރައްޔިތުމީހާގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު ރައީސް މުޢިއްޒު ވިދާޅުވީ، އެއީ ރަނގަޅު ހައްލެއް ލިބެންޖެހޭ ކަމެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި އެކަން ބައްލަވާނެ ކަމަށެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ހިޔާވަހި ފައިނޭންސް ސްކީމުގެ ދަށުން މިހާތަނަށް 891 ފަރާތަކަށް ވަނީ ލޯނު ހަމަޖެހިފައެވެ. އަދި އޭގެ ތެރެއިން 244 ފަރާތަކަށް މިހާރު ލޯނުގެ ފައިސާ ދޫކުރެވިފައިވާ ކަމަށް ވެސް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

ރައްޔިތުންނަށް ގެދޮރުވެރިކަން ފަހިކޮށްދިނުމަށް ތިން ބާވަތެއްގެ ލޯނު މި ސްކީމުގެ ތެރެއިން ދޫކުރެއެވެ. އޭގެ ތެރޭގައި މާލޭ ސަރަހައްދަށް ހާއްސަ ހަ މިލިއަނާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ "ފަހިމާލެ" ލޯނާއި، އާބަން ސެންޓަރުތަކާއި ސިޓީތަކަށް ދޫކުރާ ތިން މިލިއަން ރުފިޔާއާ ހަމައަށް ލިބޭ "ސަހަރު" ލޯނުގެ އިތުރުން ރަށްރަށަށް ހާއްސަކޮށް އެއް މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ "ރަށްވެހި" ލޯނު ހިމެނެއެވެ.

ސަރުކާރުގެ އަމާޒަކީ މި ސްކީމުގެ ދަށުން ކޮންމެ އަހަރަކު ދެ ބިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރުމެވެ. މީގެ ތެރެއިން އެއް ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަމަޖައްސާއިރު، އަނެއް އެއް ބިލިއަން ރުފިޔާ ހަމަޖައްސަނީ ބޭންކުތައް މެދުވެރިކޮށެވެ.

އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކުރިއަށްގެންދާ މި ސްކީމުގައި ފައިދާގެ ގޮތުގައި ނަގަނީ ފަސް އިންސައްތައެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް ރައްޔިތުންނަށް 25 އަހަރުގެ ދިގު މުއްދަތެއް ލިބިގެންދާނެއެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް