
މިކަން ހާމަކުރައްވައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހުމީ އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުންފުނީގެ ޓީމުތަކުން މިހާރު ދަނީ އައްޑޫ ސިޓީގެ އެކި އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުންނާ ސީދާ ބައްދަލުކުރަމުން ކަމަށެވެ.
މި ހަރަކާތުގެ ދަށުން އެމްޑަބްލިއުއެސްސީގެ ޓީމުތަކުން ވަނީ އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ގިނަ ގޭބިސީތަކަކަށް ޒިޔާރަތްކޮށްފައެވެ.
އެ ޒިޔާރަތްތަކުގައި އެ ކުންފުނިން ދެމުންގެންދާ ފެނާއި ނަރުދަމާގެ ހިދުމަތްތަކާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ސީދާ ރައްޔިތުންގެ ފަރާތުން ވަނީ އޮޅުންފިލުވާފައެވެ.
ހުސެއިން ފަހުމީ ވިދާޅުވީ، ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ ރައްޔިތުންނަކީ ބާކީވެފައިވާ ބަޔަކަށް ހެދުމުގެ ބަދަލުގައި، ސީދާ ރައްޔިތުންގެ ގާތަށް ގޮސް، އެމީހުންގެ އަޑުއަހައިގެން ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުން ކަމަށެވެ.
މީގެއިތުރުން، ޒަމާނުއްސުރެ ރައްޔިތުން ތަހައްމަލުކުރަމުންދިޔަ ދަތިތަކަށް ދާއިމީ ނިމުމެއް ގެނެސްދީ، އިތުބާރުހުރި ފެނާއި ނަރުދަމާގެ ޔުޓިލިޓީ ހިދުމަތެއް ކަށަވަރުކުރުމަށް މި ދަތުރުތަކަކީ އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަން މެނޭޖިންގ ޑިރެކްޓަރު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުރިހަމަކޮށްދީ، ރައްޔިތުން އެދޭފަދަ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމުގައި އެމްޑަބްލިއުއެސްސީން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.





