
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، ރައީސް މިގޮތަށް ނިންމެވީ މި އަހަރުގެ ޖުމްހޫރީ ދުވަސް ކަމުގައިވާ ނޮވެންބަރު މަހުގެ 11 ވާ ބުދަ ދުވަހަކީ ގައުމީ ބަންދު ދުވަހަކަށް ވެފައި، އޭގެ އަނެއް ދުވަހަކީ ހަފުތާ ބަންދުގެ ކުރިން އަންނަ ރަސްމީ އެންމެ ފަހު ދުވަސް ކަމަށް ވާތީއެވެ.
މި ނިންމެވުމާއެކު، ނޮވެމްބަރު މަހުގެ 11 ވާ ބުދަ ދުވަހުން ފެށިގެން ހަފުތާ ބަންދުގެ ދެ ދުވަހާ އެކު، ޖުމްލަ ހަތަރު ދުވަހުގެ ޗުއްޓީއެއް ސަރުކާރުގެ މުވައްޒަފުންނަށް ލިބިގެންދާނެއެވެ. ޖުމްހޫރީ ދުވަހުގެ ބަންދަށްފަހު ދެން ސަރުކާރުގެ އޮފީސްތައް ރަސްމީކޮށް ހުޅުވޭނީ އަންނަ އާދީއްތަ ދުވަހުއެވެ.
ދިވެހިރާއްޖޭގެ ރަސްމީ ބަންދު ދުވަސްތަކުގެ ތެރޭގައި ހިމެނޭ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަކީ 1968 ވަނަ އަހަރު ރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް ގާއިމްކުރެވުނު ތާރީހީ މުނާސަބަތާ ގުޅިގެން ގައުމީ ފެންވަރުގައި ފާހަގަކުރާ ދުވަހެކެވެ.
މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ އޮންނާނީ މި މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ ރޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހާމަކުރައްވާފައެވެ.
އެ ޖަލްސާގައި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދެއްވުމުގެ އިތުރުން، 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވާ ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދެއްވުން ވެސް އޮންނާނެއެވެ.





