0 comments 45 views
ރައީސް މުޢިއްޒުގެ ހަރުދަނާ ޚާރިޖީ ގުޅުމުގެ ތެރެއިން، ރާއްޖެއަށް ދޫކޮށްފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕްގެ މުއްދަތު އިންޑިއާއިން އިތުރުކޮށްދީފި
17 އޮކްޓޯބަރ 2026 (ހޮނިހިރު)   10:59
ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް ދިވެހިރާއްޖެއަށް ދޫކޮށްފައިވާ 30 ބިލިއަން އިންޑިއަން ރުޕީސް ނުވަތަ 319 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އިންޑިއާ ސަރުކާރުން އިތުރުކޮށްދީފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ހާމަކުރި ގޮތުގައި، މި ފެސިލިޓީގެ މުއްދަތު އިތުރުކޮށްދިނުމަށް ނިންމީ ދިވެހި ސަރުކާރަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މި ފެސިލިޓީ ހަމަޖައްސާފައިވަނީ މި ހިނގާ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުއެވެ. ތިން މަސް ދުވަހުގެ މުއްދަތަށް ދޫކުރާ މިފަދަ ކުރު މުއްދަތުގެ ފެސިލިޓީތަކުގެ މުއްދަތު މީގެ ކުރިން ވެސް ސަރުކާރަށް ހަ މަހަށް އިތުރުކޮށްދީފައިވެއެވެ.

މި އެހީތެރިކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވުނު މުހިންމު އެއްބަސްވުމުގެ ދަށުން ލިބިގެންދިޔަ ފުރުސަތެކެވެ. އެ އެއްބަސްވުމުގެ ދަށުން 400 މިލިއަން ޑޮލަރާއި 30 ބިލިއަން ރުޕީސްގެ ފެސިލިޓީ ހަމަޖައްސައިދިނުމަށް ވަނީ އެއްބަސްވެފައެވެ.

ދައުލަތުގެ މާލީ ހާލަތު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ސަރުކާރުން މި އަހަރު ވަނީ ކާމިޔާބުކަމާއެކު އަނބުރާ ދައްކާފައެވެ. އަދި އިންޑިއާއިން އިޝޫކުރި 50 މިލިއަން ޑޮލަރުގެ ޓީބިލް ވެސް ވޭތުވެދިޔަ ސެޕްޓެމްބަރު މަހު ސަރުކާރުން ވަނީ ދައްކައި ނިންމާފައެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، 2019 ވަނަ އަހަރު އިންޑިއާ މެދުވެރިކޮށް ތިން ފަހަރެއްގެ މަތިން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ދަރަނި މިހާރު ވަނީ އެއްކޮށް ދައްކައި ހަލާސްކޮށްފައެވެ. އަދި އެ ތިން ޓީބިލްގެ އިންޓްރެސްޓްގެ ގޮތުގައި ދައްކަންޖެހުނު 43 މިލިއަން ޑޮލަރު ދައްކާފައިވަނީ އިންޑިއާ ސަރުކާރުން ކަމަށް ހައި ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ވެސް ދިގު މުއްދަތުގެ ޓީ-ބޮންޑުގެ ދެ ފެސިލިޓީއެއް ކަމަށްވާ 250 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރުގެ ފެސިލިޓީ ވެސް ރާއްޖެއަށް އިންޑިއާއިން ދޫކޮށްފައިވާ ކަމަށް އެ ގައުމުގެ ހައި ކޮމިޝަނުން ބުނެފައިވެއެވެ. މިއަހަރުގެ ސެޕްޓެމްބަރު މަސް ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވް ވަނީ 547 މިލިއަން ޑޮލަރަށް އުފުލިފައެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް