
އިންޑޮނޭޝިއާގެ ބާލީގައި ކުރިއަށްދިޔަ އޭޝިއާ ޕެސިފިކް އެލަޔަންސް އޮން ހިއުމަން ރިސޯސަސް ފޯ ހެލްތުގެ 14 ވަނަ ކޮންފަރެންސްގައި ދެއްވި މި އެވޯޑާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސަސް ޑރ. އަހުމަދު އަޝްރަފެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ޑރ. އަހުމަދު އަޝްރަފް ވިދާޅުވީ، ދުނިޔޭގެ ގިނަ ގައުމުތަކަކާ ވާދަކޮށް ރާއްޖެއަށް މި ޝަރަފު ލިބުނީ ސިއްހީ ވުޒާރާއާއި ޑަބްލިއުއެޗްއޯ ގުޅިގެން ފާފު އަތޮޅުގައި ކާމިޔާބުކަމާއެކު ކުރިއަށްގެންދިޔަ ޕައިލެޓް ޕްރޮގްރާމުގެ ސަބަބުން ކަމަށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން މި އެވޯޑަށް 174 ފަރާތެއް ނޮމިނޭޓްވި ނަމަވެސް، މުޅި ކޮންފަރެންސްގައި އެވޯޑު އެރުވީ އެންމެ ހަތަރު ފަރާތަކަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސިއްހަތާ ބެހޭ ވުޒާރާއިން ފާހަގަކުރި ގޮތުގައި މިއީ ރާއްޖޭގެ އަސާސީ ސިއްހީ ހިދުމަތުގެ ނިޒާމު ހަރުދަނާކޮށް، ރަށްރަށުގައި ދެވޭ ހިދުމަތްތައް ބައިނަލްއަގުވާމީ ފެންވަރަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. ހަމައެއާއެކު ހުރިހާ ރައްޔިތުންނަށް ޝާމިލުވާނޭހެން ފުރިހަމަ ސިއްހީ ހިދުމަތް ކަށަވަރުކުރުމަށް ސަރުކާރުން އިސްކަންދޭ މިންވަރު މީގެއިން ހާމަވާކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.
ރާއްޖޭގެ ސިއްހީ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން، 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް އަހަރަކު އެއްފަހަރު މެޑިކަލް ސްކްރީނިން ހިލޭ ހެދޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ. އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކުރި ގޮތުގައި 2026 ވަނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް 37،038 މީހުން ވަނީ ގައިންގަޔަށް ނާރާ ބަލިތަކަށް ސްކްރީންކޮށްފައެވެ.
މީގެއިތުރުން، މާލޭގައި ހިންގާ ދަމަނަވެށީގެ އިތުރުން މާފަންނުގައި 'އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރ' ގެ ނަމުގައި ހާއްސަ މަރުކަޒެއް 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހުޅުވައި ހިދުމަތް ދެމުންދާއިރު، އަތޮޅުތަކުގެ ސިއްހީ މުވައްޒަފުން ތަމްރީނުކޮށް ބަލިތައް ކުރިއާލައި ދެނެގަތުމުގެ ނިޒާމު މިހާރު ވަނީ ހުރިހާ އަތޮޅެއްގައި ގާއިމުކޮށްފައެވެ.
ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ ގޮތުން ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅުތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލްގެ ހާއްސަ އެވޯޑު މިދިޔަ އަހަރުގެ މެއި މަހު ލިބިވަޑައިގެންފައިވާއިރު، ޖީލުތައް ސަލާމަތްކުރުމަށް 'ޖެނެރޭޝަނަލް ބޭން' ސިޔާސަތާއި 5 އަހަރުގެ ގައުމީ ކެމްޕޭނެއް ވެސް ސަރުކާރުން ވަނީ އެކުލަވާލާފައެވެ.





