
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި، އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ދެމެދުގައެވެ. ދެ ވުޒާރާގެ އިސްވެރިންގެ ހާޒިރުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި ސޮއިކުރެއްވީ ދެ ވުޒާރާގެ ކަމާބެހޭ ވެރިންނެވެ.
މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ ކަމާބެހޭ އެކި ދާއިރާތަކުގައި މަސައްކަތްކުރަމުންދާ ފަންނީ މުވައްޒަފުންނަށް އިލެކްޓްރިކް އުޅަނދުފަހަރާއި ޗާޖިން ސްޓޭޝަންތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ހާއްސަ ތަމްރީނުތަކެއް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ، ގްލޯބަލް އެންވާރަމަންޓް ފެސިލިޓީ (ޖީއީއެފް) ގެ އެހީގައި ކުރިއަށްގެންދާ "އިންޓަގްރޭޓެޑް، ސަސްޓެއިނަބަލް އެންޑް ލޯ އިމިޝަންސް ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް" މަޝްރޫއުގެ ދަށުން ފޯރުކޮށްދީފައިވާ އިލެކްޓްރިކް ބަސްތަކާއި އެހެނިހެން އުޅަނދުތައް ދިގުމުއްދަތަކަށް ބެލެހެއްޓުމަށް ބޭނުންވާ ފަންނީ ދިވެހިން ބިނާކުރުމެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ފާހަގަކުރި ގޮތުގައި، މި އެއްބަސްވުމަކީ ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެކެވެ. މިއީ ދަތުރުފަތުރުގެ ދާއިރާއިން ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅެކެވެ.
މި އެއްބަސްވުމުގެ ސަބަބުން ކުރިމަގުގައި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމުތައް ފުޅާކުރުމަށް ބޭނުންވާ ގައުމީ ގާބިލުކަން އިތުރަށް ވަރުގަދަވެ، އެފަދަ ވަސީލަތްތައް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް މަގުފަހިވާނެ ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން މާލެ ސަރަހައްދުގެ ޓެކްސީ ނިޒާމަށް ހައްލު ހޯދަން އުފެއްދި ޓެކްސީ ލައިނުގައި އީ-ވެހިކަލް ބޭނުންކުރުމާއި، މިފަދަ އުޅަނދުތަކަށް ބާރުއެޅުމުގެ ގޮތުން އީ-ވެހިކަލްތަކުގެ ލައިސަންސް ޕްލޭޓުތައް ފެހިކުލައަށް ބަދަލުކުރުން ހިމެނެއެވެ.





