
ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގުޅިގެން ދަނގެތީގައި ތަރައްޤީކުރި މި ފިއުލް ސްޓޭޝަން ރަސްމީކޮށް ހުޅުވާފައިވަނީ މިއަދު އެ ރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ސްޓޭޝަން ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު ޢަބްދުﷲ ރަޝީދެވެ. މި ރަސްމިއްޔާތުގައި ދަނގެތީ ކައުންސިލްގެ މެންބަރުންނާއި އެކި މުއައްސަސާތަކުގެ ވެރިންގެ އިތުރުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
މި ޚިދުމަތް ފެށުމާއެކު، ވެރިރަށް މާލެއެކޭ އެއް އަގުގައި ދަނގެތިން ވެސް މަސްވެރިންނަށް ޑީސަލް ލިބިގެންދާނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
މިއީ ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތަކަށް ލުއި ހޯއްދަވައިދެއްވުމަށާއި، އަތޮޅުތަކުގެ އިޤްތިޞާދީ ދުވެލި ހަލުވިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ފިއުލް ސްޓޭޝަންގެ ޚިދުމަތާއެކު ދަނގެތީގެ އިތުރުން އެ ސަރަހައްދުގެ މަސްވެރިންނަށާއި ދަތުރުފަތުރު ކުރާ ފަރާތްތަކަށް ވެސް އަގުހެޔޮކޮށް އަދި ފަސޭހަކަމާއެކު ތެޔޮ ލިބުމުގެ މަގު ފަހިވެގެންދާނެއެވެ.





