0 comments 66 views
ދިވެހިރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ހިމާޔަތްކުރަން ސަރުކާރުން އަވަސް ފިޔަވަޅު އަޅައި، ރިސޯޓު މައްސަލަ ބަލަން ފަށައިފި
7 ނޮވެމްބަރ 2026 (ހޮނިހިރު)   03:27
ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ކިލަނބުކޮށްލުމަށް ހިންގާ އެއްވެސް އަމަލަކަށް ޖާގަ ނުދެއްވާނެ ކަމަށާއި، ދިވެހި ގާނޫނުތަކާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ރިސޯޓެއްގެ ބީޗުގައި ބޭރުގެ ދެ ފިރިހެނުންގެ މެދުގައި ރަމްޒީ ކައިވެނީގެ ހަފުލާއެއް ބޭއްވި މައްސަލަ ބަލައި ތަހުގީގުކޮށް ފިޔަވަޅު އަޅައިދިނުމަށް އެދި ފުލުހުންގެ ހިދުމަތަށް ރަސްމީކޮށް ހުށަހެޅީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ސޯޝަލް މީޑިއާގައި މިނިސްޓަރު ޑރ. ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ކަމާ ގުޅުންހުރި އެހެނިހެން ގާނޫނުތަކާ ހިލާފަށް މިފަދަ ކަންކަން ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ދިވެހިރާއްޖެ މާއްދިއްޔަތުގެ ތެރެއަށް ވައްޓާލައި، ގައުމުގެ އިސްލާމީ ޝަހުސިއްޔަތު ކިލަނބުކޮށްލަން ހިންގާ މިފަދަ ޖަރީމާތަކުން ރާއްޖެ ސަލާމަތްކުރުމުގައި އަބަދުވެސް ސާބިތުވެ ދެމިތިބެންޖެހޭނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ، ރިސޯޓެއްގައި ބިދޭސީ ދެ ފިރިހެނެއްގެ ކައިވެނިކޮށްދިން ކަމަށް ބުނާ މައްސަލައަކީ ގާނޫނީ ގޮތުން ހުއްދަ ނޫން އަމަލެއް ކަމަށާއި، އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ރާއްޖޭގެ ދީނަކީ އިސްލާމްދީން ކަމަށްވުމުން، ދީނީ އަދި ޝަރުއީ އުސޫލުތަކާއި ގާނޫނުތަކާއި އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ނުހިންގުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންވެސް މިފަދަ ކަންކަމަށް ފުރުސަތު ނުދިނުމަށާއި ގާނޫނާ ހިލާފުވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.

ފަތުރުވެރިންނަށް ރަމްޒީ ކައިވެނި ހަފުލާ ބޭއްވުމާ ބެހޭ ގަވާއިދު ބަޔާންކުރާ ގޮތުގައި، ދެއްކޭ އެއްވެސް އަމަލަކުން ނުވަތަ ބޭނުންކުރާ ބަހަކުން ނުވަތަ އެއްޗަކުން ވިޔަސް އިސްލާމްދީނަށް ފުރައްސާރަ ރައްދުވާ އެއްވެސް ކަމެއް އެފަދަ ހަފުލާތަކުގައި ހިންގައިގެން ނުވާނެއެވެ.

މީގެއިތުރުން އެފަދަ ހަފުލާތައް ކުރިއަށްގެންދަން ވާނީ ރާއްޖޭގެ ސަގާފަތާއި އިޖުތިމާއީ އަދި އަހުލާގީ މިންގަނޑުތަކަށް ފުރިހަމައަށް އިހުތިރާމުކުރެވޭ ގޮތަށް ކަމަށްވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް