
މި ޔަގީންކަން ދެއްވާފައިވަނީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޢަލީ ފާރިސް ޔޫސުފެވެ.
ސްޓޭޓް މިނިސްޓަރު މިކަން ހާމަކުރެއްވީ މޮންޓްރިއަލް ޕްރޮޓޮކޯލްގެ ބައިވެރިންގެ 38 ވަނަ ބައްދަލުވުން (އެމް.އޯ.ޕީ 38) ގެ ހައިލެވެލް ސެގްމަންޓްގެ ތެރެއިން ބޭއްވި، ކިގާލީ އެމެންޑްމަންޓަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ މަތީ ފަންތީގެ ވަށްމޭޒު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި އޯޒޯން ފަށަލަ ހިމާޔަތްކުރުމަށާއި، ވިހަ ގޭސްތައް ބޭރުކުރާ މިންވަރު މަދުކުރުމަށް ރާއްޖެއިން ހޯދާފައިވާ މުހިންމު ކާމިޔާބީތަކުގެ މައްޗަށް ސްޓޭޓް މިނިސްޓަރު އަލިއަޅުއްވާލެއްވިއެވެ.
މީގެއިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް އެކުލެވޭ ގޭސްތައް ބޭނުންކުރުން ހުއްޓާލުމަށް އެކުލަވާލާފައިވާ މޮންޓްރިއަލް ޕްރޮޓޮކޯލާއި ކިގާލީ އިސްލާހު ފުރިހަމައަށް ތަންފީޒުކުރުމުގައި ރާއްޖެ ދެގޮތެއްނުވެ ދެމިއޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުވުމަކީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ހަރުދަނާކޮށް، ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ މަގްސަދުގައި ދުނިޔޭގެ އެކި ގައުމުތަކުގެ އިސް ވެރިންނާއި މަންދޫބުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމެކެވެ.
ދިވެހިރާއްޖެއަކީ ތިމާވެށީގެ ނާޒުކު ހާލަތުން އަރައިގަތުމަށްޓަކައި ބައިނަލްއަގްވާމީ އެއްބަސްވުންތަކަށް ފުރިހަމައަށް އަމަލުކުރުމަށް އަބަދުވެސް އެންމެ އިސް ސަފުގައި މަސައްކަތްކުރަމުން އަންނަ ގައުމެކެވެ.





