
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި އަންނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ކަނޑައެޅި މި އަދަދަކީ މި ހިނގާ އަހަރާ އަޅާބަލާއިރު 8 އިންސައްތައިގެ ކުރިއެރުމެކެވެ. މިއީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ރަށްރަށުގެ ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ހާމަވާ ކަމެކެވެ.
ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ދޫކުރުމަށް ޖުމްލަ 3.5 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، އޭގެ ތެރެއިން 2.7 ބިލިއަން ރުފިޔާ ޚާއްސަކޮށްފައިވަނީ ލޯކަލް ކައުންސިލްތަކަށެވެ. ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ އާމްދަނީގެ ފަސް އިންސައްތައެވެ.
ކައުންސިލްތަކަށް ދޫކުރާ 2.7 ބިލިއަން ރުފިޔާގެ ތެރެއިން 80 އިންސައްތަ ޚާއްސަކޮށްފައިވަނީ ރަށު ކައުންސިލްތަކަށެވެ. އަދި ބާކީ 20 އިންސައްތަ ދިނުމަށް ކަނޑައަޅާފައިވަނީ ސިޓީ ކައުންސިލްތަކަށެވެ.
ރަށު ކައުންސިލްތަކުގެ ތެރެއިން އެންމެ ބޮޑު ގްރާންޓެއް ލިބޭ ރަށްތަކުގެ ތެރޭގައި ހިމެނެނީ ހދ. ހަނިމާދޫ ކައުންސިލާއި، ހއ. ދިއްދޫ ކައުންސިލްގެ އިތުރުން ށ. ފުނަދޫ ކައުންސިލެވެ. އެގޮތުން ހަނިމާދޫ ކައުންސިލަށް 30.9 މިލިއަން ރުފިޔާ، ދިއްދޫ ކައުންސިލަށް 27.8 މިލިއަން ރުފިޔާ އަދި ފުނަދޫ ކައުންސިލަށް 20.9 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅިގެން، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ސީދާ ލިބޭ ފައިސާގެ މިންވަރު އިތުރުވާނެހެން އަންނަ އަހަރުގެ ބަޖެޓު ވަނީ ބައްޓަންކޮށްފައެވެ. މީގެއިތުރުން ބަޖެޓު ކަނޑައެޅުމުގައި އާބާދީގެ އިތުރުން ރަށުގެ ބިމުގެ ބޮޑުމިނަށް ބަލައިގެން ފައިސާ ދޫކުރަމުން އައި އުސޫލު ވެސް މިހާރު ވަނީ ބަދަލުކޮށްފައެވެ.
މި ގެނެވުނު މުހިންމު ބަދަލުތަކުގެ ސަބަބުން، ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ކައުންސިލްތަކަށް މާލީ ގޮތުން ބޮޑެތި ލުއިފަސޭހަތަކަކާއި ބާރުވެރިކަން ލިބިގެންދާނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ.





