
މިއަދު ހުޅުވުނު މި ނާސަރީއާ ގުޅޭގޮތުން އެންވަޔަރުމެންޓް މިނިސްޓްރީން ހާމަކުރި ގޮތުގައި، އެ މިނިސްޓްރީގެ ފަރާތުން ފަންޑުކޮށްގެން މިއަހަރު ތަރައްގީކުރަން ސޮއިކުރި އެ ނާސަރީއަކީ 23،000 އަކަފޫޓުގެ ބޮޑު ބިމެއްގައި ގާއިމުކޮށްފައިވާ ތަނެކެވެ.
މި ނާސަރީގެ ސަބަބުން މި މަޝްރޫއު އަތޮޅު ފެންވަރުގައި އިތުރަށް ފުޅާވެ، އެ ސަރަހައްދުގެ ރަށްރަށަށް ބޭނުންވާ ގަސް ފަސޭހަކަމާ އެކު ލިބުމަށް މަގުފަހިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މި މަޝްރޫއުގެ ދަށުން ގާއިމުކުރާ އިތުރު 19 ނާސަރީގެ މަސައްކަތް ވެސް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށާއި އަމާޒަކީ ވީއެންމެ އަވަހަކަށް އެ ތަންތަން ނިންމުން ކަމަށް ވަނީ ފާހަގަކޮށްފައެވެ.
އެންވަޔަރުމެންޓް މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ނާސަރީތައް ގާއިމުކުރުމަކީ އަންނަން އޮތް ޖީލުތަކަށް ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. މީގެއިތުރުން ރަށު ކައުންސިލްތަކުން ގަސް ވިއްކައިގެން އާމްދަނީ ހޯދުމުގެ އާ ދޮރުތަކެއް ވެސް މި މަޝްރޫއުގެ ސަބަބުން ހުޅުވިގެންދާނެ ކަމަށް އެ މިނިސްޓްރީން ފާހަގަކުރިއެވެ.
މި މަޝްރޫއުގެ އިތުރުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުޅުމާލޭގައި 55،000 އަކަފޫޓުގެ ބޮޑު ނާސަރީއެއް ހެދުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. އެ ނާސަރީގެ މަސައްކަތް ނިމި އަންނަ އަހަރުގެ ތެރޭގައި ހުޅުވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މި ސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަކީ ރައީސް ޑރ. މުއިއްޒުގެ މުހިންމު ވައުދުފުޅެކެވެ. މިއަހަރުގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ޖޫން 5، 2024 ގައި ފެށި މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 2.4 މިލިއަން ގަސް އިންދާފައިވާ ކަމަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.





