0 comments 6 views
ރައީސް މުޢިއްޒުގެ ހަރުދަނާ ސިޔާސަތާއެކު 2029 ގެ ނިޔަލަށް އިސްލާމީ ވުޒާރާ މާލީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވަނީ: ޑރ. ޝަހީމް
17 އޮކްޓޯބަރ 2026 (ހޮނިހިރު)   11:16
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަކީ 2029 ވަނަ އަހަރުގެ ނިޔަލަށް މާލީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ މުއައްސަސާއަކަށް ހެއްދެވުމަކީ އެ ވުޒާރާގެ މައިގަނޑު އަމާޒު ކަމުގައި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ. ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ޒަކާތުގެ ނިޒާމާއި ވަޤުފް މަޝްރޫޢުތައް އިތުރަށް ހަރުދަނާކޮށްގެން އަހަރަކު ގާތްގަނޑަކަށް 250 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދުމަށް އެ ވުޒާރާއިން އަމާޒު ހިފާފައިވާ ކަމަށެވެ.

މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ މުވައްޒަފުންގެ މުސާރަ ފިޔަވައި، ވުޒާރާގެ އިދާރީ ހިންގުމުގެ ޚަރަދުތަކަށާއި އިސްލާމީ ކަންކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކަށް ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އަމިއްލަ މާލީ ވަސީލަތްތަކުން އެ ޚަރަދުތައް ހަމަޖައްސައި މާލީ ބާރުވެރިކަން ހޯދުމަކީ މުހިންމު އަމާޒެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޒަކާތުގެ ފަންޑުތައް ބޭނުންކުރެވޭނީ ޝަރުޢީ ހަމަތަކުގެ މަތިން ހައްޤުވެރިންނަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމައެއާއެކު ވަޤުފް އިންވެސްޓްމަންޓްތަކުން ލިބޭ މަންފާ ބޭނުންކުރާނީ އެ ވަޤުފެއް ކަނޑައެޅިފައިވާ ލަނޑުދަނޑިތަކާއި މަޤްޞަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް އެމަނިކުފާނު ތަފްޞީލުކޮށްދެއްވިއެވެ.

މީގެ އިތުރުން މާތް ﷲ ގެ ވާގިފުޅާއެކު 2028 ވަނަ އަހަރުގެ ނިޔަލަށް ވަޤުފްގެ 8 މަޝްރޫޢެއް ނިންމުމަށް ރޭވިފައިވާ ކަމަށާއި، އޭގެ ސަބަބުން ވުޒާރާގެ މާލީ ބިންގާ އިތުރަށް ވަރުގަދަވެގެންދާނެ ކަމުގެ ޔަޤީންކަން ޑރ. ޝަހީމް ދެއްވިއެވެ.

މި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި އިސްލާމީ ދަޢުވަތު ފުޅާކުރުމާއި، މިސްކިތްތައް ބިނާކުރުމާއި މަރާމާތުކުރުމުގެ އިތުރުން އިސްލާމީ ތަޢުލީމު ކުރިއެރުވުމުގެ ޤާބިލުކަން އިތުރުވެގެންދާނެއެވެ. އަދި އިމާމުންނާއި ދީނީ ޢިލްމުވެރިން ބާރުވެރިކުރުވުމަށާއި، ޤުރުއާން އުނގަންނައިދިނުމުގެ މަޝްރޫޢުތައް ފުޅާކުރުމަށްވެސް މަގުފަހިވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމީ ދާއިރާ ހަރުދަނާކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާއިރު، މިއީ މާލީ މިނިވަންކަމާއި ދެމެހެއްޓެނިވި ވަޤުފް ތަރައްޤީއަށް އެޅޭ އިންޤިލާބީ ފިޔަވަޅެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ އަންނާން އޮތް ޖީލުތަކަށްޓަކައި ދޫކޮށްލެވޭ އަގުހުރި ތާރީޚީ ތަރިކައެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް