
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެންމެންނަށް ރައްކާތެރި، ސިއްހީ ގޮތުން ފައިދާހުރި އަދި ހެޔޮ އަގުގައި ކާބޯތަކެތި ލިބޭނެ މަގު ފަހިކޮށްދިނުމަށްޓަކައި އީޖާދީ އަދި ދެމެހެއްޓެނިވި ކާބޯތަކެތީގެ ނިޒާމުތަކެއް ގާއިމުކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.
މިއަހަރުގެ ކާބޯތަކެތީގެ ދުވަހުގެ ޝިއާރު ކަމަށްވާ ”އިނޮވޭޓް ޓުޑޭ- ނަރިޝް ޓުމޯރޯ“ އަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، މިއަދު އަޅާ ފިޔަވަޅުތަކާއި ކުރާ އިންވެސްޓްމަންޓްތަކަކީ ކުރިއަށް އޮތް ޖީލުތަކުގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަނޑައަޅައިދޭނެ ކަންކަން ކަމަށެވެ. އަދި އައު އީޖާދުތަކަށް އިސްކަންދީ، އެތެރޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ގުދުރަތީ ވަސީލަތްތައް ހެޔޮގޮތުގައި ބެލެހެއްޓުމުން ރައްޔިތުންނަށް ދުޅަހެޔޮ މުސްތަގުބަލެއް ހޯދައިދެވޭނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވުމާއެކު، ކާބޯތަކެތީގެ ރައްކާތެރިކަން ގާއިމުކުރުމަކީ ގައުމީ ވިލުންތެރިކަމަށާއި އިގުތިސޯދީ ދެމެހެއްޓެނިވިކަމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން ރައީސް ބަޔާންކުރެއްވިއެވެ. އެހެންކަމުން ޒަމާނީ ޓެކްނޮލޮޖީ ބަލައިގަނެ، ދަނޑުވެރިންނާއި މަސްވެރިންނަށް ބޭނުންވާ އެހީތެރިކަން ދިނުމާއެކު ދިރިއުޅުމުގެ ވަސީލަތްތައް ހިމާޔަތްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
މަސްވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދީ، މަސް ރައްކާކުރެވޭ މިންވަރާއި ޕްރޮސެސްކުރުމުގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ބާރަށް ކުރިއަށްގެންދާ ކަމަށެވެ.
މީގެއިތުރުން ދަނޑުވެރިކަމުގެ ދާއިރާއިން ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އެކި ރަށްރަށުގައި މަޝްރޫއުތައް ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތުން ރަށްރަށުގައި ހުރި ބިންތަކުގެ އެންމެ ފުރިހަމަ ބޭނުން ހިފައިގެން ތާޒާ މޭވާއާއި ތަރުކާރީ ހެއްދުމުގެ ފުރުސަތުތައް ދަނޑުވެރިންނަށް ފަހިކޮށްދެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ރާއްޖޭގެ އެތެރޭގެ ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނިޒާމު ވަރުގަދަކޮށް، ދަނޑުވެރިންނާއި މަސްވެރިންގެ އުފެއްދުންތަކަށް ފަސޭހައިން މާކެޓް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އައު އީޖާދުތަކާއެކު އެތެރޭގެ އުފެއްދުންތެރިކަން ކުރިއެރުވުމުން، ބޭރުން ކާބޯތަކެތި އެތެރެކުރުމަށް ކުރާ ހޭދައާއި ބަރޯސާވުން ކުޑަކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވަނީ އެންމެން ގުޅިގެން މަސައްކަތްކޮށް، ދަނޑުވެރިންނާއި މަސްވެރިން އަދި އެމީހުންގެ އާއިލާތައް ބާރުވެރިކުރުމަށް ގޮވާލައްވާފައެވެ. އަދި ރާއްޖޭގެ ކޮންމެ ގޭބީސީއަކަށްވެސް ސިއްހަތަށް ފައިދާހުރި ރަނގަޅު ކާނާ ހެޔޮ އަގުގައި ލިބޭނެކަން ކަށަވަރުކުރުމަށް އެންމެހާ ފަރާތްތަކުން އެކުގައި މަސައްކަތްކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.





