
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި، މާލޭ އުތުރު ފަރާތު ބަނދަރުގެ ޖެޓީތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ 15 މީޓަރުގެ ޖެޓީތަކުގެ ތަނބު ޖެހުމުގެ މަސައްކަތެވެ.
ތަނބުތައް ޖެހުމުގެ މަސައްކަތުގެ އިތުރުން، އެ ތަނބުތަކުގައި ދަގަނޑު އެޅުމުގެ ނުވަތަ ރެއިންފޯސްމަންޓް މަސައްކަތްތައްވެސް މިހާރު ހަލުވިކަމާއެކު ދަނީ ކުރިއަށެވެ. އަދި އަންނަ ހަފުތާގެ ތެރޭގައި ޖެޓީގެ ކޮންކްރީޓް އެޅުމުގެ މަރުހަލާ ފެށޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.
މި މަޝްރޫއަކީ ސަރުކާރުން މާލޭގެ އުތުރު ފަރާތު ފަޅުގެ ތޮއްޖެހުން ކުޑަކުރުމަށާއި، ކަނޑުމަގުން ދަތުރުފަތުރުކުރާ އާންމު ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން 18.98 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ޖުމްލަ ހަ ފިންގާ ޖެޓީއެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 25 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީގެ އިތުރުން، 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީއެވެ.
އެމްޓީސީސީން ފާހަގަކުރި ގޮތުގައި، މި ޖެޓީތައް ހެދި ބޭނުންކުރަން ފެށުމުން ބަނދަރުން ޖާގަ އިތުރުވެ، އެއްފަހަރާ ގިނަ އުޅަނދުތަކަކަށް ޖެޓީއާ ގާތްކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެއެވެ. މީގެ ސަބަބުން ދަތުރުތައް އަވަސްވެގެން ދާނެއެވެ.
މީގެއިތުރުން ކުޑަކުދިންނާއި އިސްރަށްވެހިންގެ އިތުރުން ދަތުރުވެރިން ލަގެޖު ހިފައިގެން އުޅަނދުފަހަރަށް އަރައި ފޭބުމުގައި ބޮޑު ލުއިފަސޭހަކަމަކާއި އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.





