0 comments 9 views
ޝަރުއީ ދާއިރާގެ މާލީ މިނިވަންކަން ރައީސް މުޢިއްޒު ކަށަވަރުކޮށްދެއްވައިފި، ދެން އޮތީ ޖޭއެސްސީ އިސްލާހުކުރުން: ނިހާދު
17 އޮކްޓޯބަރ 2026 (ހޮނިހިރު)   11:16
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އަދުލުއިންސާފުގެ ދާއިރާއަށް މާލީ މިނިވަންކަން ކަށަވަރުކޮށްދެއްވާފައިވާ ކަމަށާއި، ދެން އޮތް މަރުހަލާއަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހުކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނިހާދު ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ އަދުލުއިންސާފުގެ ދާއިރާ މިނިވަންކުރެއްވުމުގެ މަތިވެރި އަޒުމާ އެކުގައި ކަމަށެވެ. އަދި ޖޭއެސްސީ އިސްލާހުކުރުމުގެ މަސައްކަތް ވެސް މި ސަރުކާރުން ކާމިޔާބުކަމާއެކު ފުރިހަމަކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.

ނިހާދު ފާހަގަކުރެއްވި ގޮތުގައި ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި އެ ދާއިރާއަކީ މާލީ ގޮތުން ބާރުވެރި ތަނަކަށް ހެދުމުގެ މުހިންމުކަން ދެކެވަޑައިގެން، ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް ޝަރުއީ ދާއިރާއަށް ހާއްސަކުރެއްވުމުގެ ފިޔަވަޅު ސަރުކާރުން ވަނީ އަޅުއްވާފައެވެ.

މީގެއިތުރުން، ސިޔާސީ ބޭނުންތަކަށްޓަކައި މީހުން ހައްޔަރުކޮށް ޖަލަށްލުމުގެ ބޯދާ ސަގާފަތް މި ސަރުކާރުން ނިމުމަކަށް ގެނެސްދީފައިވާ ކަމަށް ނިހާދު ވިދާޅުވިއެވެ. އަދި މި ވެރިކަމުގައި ފަނޑިޔާރުން ހައްޔަރުކޮށް، ނުފޫޒު ފޯރުވުމުގެ އެއްވެސް އަމަލެއް ހިނގާފައި ނުވާ ކަމަށާއި މިއީ ޝަރުއީ ނިޒާމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިއަދު މި ގައުމަކު ސިޔާސީ ހުކުމެއް ނުޖަހާނެ. ނުހައްގު އަދަބެއް ނުދޭނެ. މަގުމަތިން މީހުން ހިފައި ހައްޔަރެއް ނުކުރާނެ. ފުރާޅުން ޓިނު ނަގައިގެން ކޯޓުތަކަށް ވަންނަ ޒަމާން މިހާރު މާޒީވެއްޖެ،" ނިހާދު ވިދާޅުވިއެވެ.

ޝަރުއީ ދާއިރާ ހަރުދަނާކުރުމުގެ އެންމެ މުހިންމު އަސާސަކީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުންކަން ފާހަގަކުރައްވަމުން، ނިހާދު ވިދާޅުވީ އެކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކަށައެޅުމުގެ މަސައްކަތް ސަރުކާރުން މިހާރުވެސް ބާރަށް ކުރިއަށްގެންދަވާ ކަމަށެވެ. އަދި ޖޭއެސްސީ އިސްލާހުކޮށް، ރައްޔިތުން އެދޭފަދަ ހަގީގީ ނަތީޖާއެއް މި ސަރުކާރުން ދައްކުވައިދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅަކަށްވާއިރު، އެ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށްގެންދިއުމަށްޓަކައި މަޝްވަރާތައް ކުރެވެމުންދާ ކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވެސް ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

ބަންޑާރަނައިބު ފާހަގަކުރައްވާފައިވާ ގޮތުގައި މިހާރު ކޮމިޝަން އެކުލެވިގެންވާ ގޮތުން ސިޔާސީ ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުން އެ ނިޒާމު އިސްލާހުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަދި ކޮމިޝަން އެކުލަވާލާނެ އެންމެ އިންސާފުވެރި މޮޑެލް ކަނޑައެޅުމާއެކު، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މުއައްސަސާއަކަށް ޖޭއެސްސީ ހައްދަވާނެ ކަމުގެ ޔަގީންކަން ވެސް ބަންޑާރަނައިބު ވަނީ ދެއްވާފައެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް