0 comments 9 views
ރައީސް ޑރ. މުޢިއްޒުގެ ވަޢުދާ އެއްގޮތަށް އަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ 77 އިންސައްތަ މަސައްކަތް ނިންމާލައިފި
17 އޮކްޓޯބަރ 2026 (ހޮނިހިރު)   11:16
އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ (ޢަރަބިއްޔާ ސްކޫލް) ގެ އައު އިމާރާތުގެ މުޅި މަޝްރޫޢުގެ 77 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ ތަފްސީލު ހާމަކުރަމުން އާރްސީސީން ބުނީ، އިމާރާތުގެ މައިގަނޑު ކޮންކްރީޓް މަސައްކަތްތަކުގެ 95 އިންސައްތަ މިހާރު ވަނީ ނިންމާލެވިފައެވެ. އަދި އިމާރާތުގެ ރޭނުމާއި، ސިމެންތި ޖެހުމާއި، ވޯޓާޕްރޫފިން އަދި ކުލަލުމުގެ އިތުރުން މެކޭނިކަލް، އިލެކްޓްރިކަލް، ޕްލަމްބިން އަދި އޭސީ ސިސްޓަމްގެ މުހިންމު މަސައްކަތްތައް އެކި މަރުހަލާތަކުގައި ބާރަށް ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދެން އެންމެ އަވަހަށް ފެށުމަށް ހަމަޖެހިފައިވަނީ ތަޅުމުގައި މުށިޖެހުމާއި، ދޮރާއި ކުޑަދޮރުތައް ހަރުކުރުމުގެ އިތުރުން ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތެވެ. މީގެއިތުރުން އަލިފާން ނިއްވާ ނިޒާމު ގާއިމުކުރުމާއި، ލިފްޓުތައް ހަރުކުރުމާއި، ބޭރު ފާރުތަކުގައި ކްލެޑިން ހަރުކުރުމުގެ މަސައްކަތް ފެށުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ.

ތަޢުލީމީ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި އިމާރާތް ނިމިގެންދާއިރު 42 ކްލާސް ރޫމާއި، މަލްޓިޕާޕަސް ހޯލަކާއި 4 ލިފްޓުގެ އިތުރުން ސްކޫލެއްގައި ހުންނަންޖެހޭ ޒަމާނީ ހުރިހާ ވަސީލަތްތަކެއް އެކުލެވިގެންވާނެއެވެ. އަދި މިއީ 200 އަށްވުރެ ގިނަ ސައިކަލު ޕާކުކުރެވޭނެ އަންޑަގްރައުންޑް ޕާކިންއަކާއެކު ތަރައްގީކުރާ ފުރަތަމަ ސްކޫލް ކަމަށްވާއިރު، މިހާރު ޕާކިން ބައިގެ މަސައްކަތް ވަނީ ނިމިފައެވެ.

މި އަހަރުގެ ޑިސެމްބަރު މަހަށް މުޅި އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމުމަށް ތާވަލުކުރެވިފައިވާއިރު، އަމާޒަކީ އަންނަ ދިރާސީ އަހަރުގެ ކިޔެވުން މި އައު އިމާރާތުގައި ފެށުމެވެ. އަރަބިއްޔާ ސްކޫލް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ފުޅާ ދާއިރާއެއްގައި އަރަބި ބަހުން ތައުލީމު ފޯރުކޮށްދޭ މަރުކަޒަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ 'ދިވެހީންގެ ރާއްޖެ' މެނިފެސްޓޯގެ މުހިންމު ވައުދުފުޅެކެވެ.

ކުރީގެ ސަރުކާރުން މި މަޝްރޫޢު ހަވާލުކުރަން ނިންމި އަގަށްވުރެ 83 މިލިއަން ރުފިޔާ ކުޑަކޮށް، ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދެއް ސަލާމަތްކުރައްވައި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އާރްސީސީއާ މި މަސައްކަތް ހަވާލުކުރީ 152.9 މިލިއަން ރުފިޔާއަށެވެ. އަދި ކުރީގެ އިމާރާތް ރެނދުލައި ދަރިވަރުން ދަރުމަވަންތަ ސްކޫލުގެ ކުރީގެ އިމާރާތުގައި ކިޔަވަމުންދާތީ، ޖާގައިގެ ދަތިކަން ހައްލުކުރުމަށް ޣިޔާޘުއްދީން ސްކޫލް ފަހަތުގައި އޮތް ބިމުގައި މި މަޝްރޫޢު ފެށީ މި ސަރުކާރުންނެވެ.

ތަޢުލީމީ ވަޒީރު މީގެ ކުރިން ވިދާޅުވެފައިވަނީ، ދަރިވަރުންގެ ނިސްބަތަށް ބެލުމަށްފަހު އައު އިމާރާތަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ތަނަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. ނަމަވެސް ގިނަ ދަރިވަރުން އެ ސްކޫލަށް ވަންނަނަމަ ދެ ދަންފަޅިއަށް ހިންގަން ޖެހިދާނެ ކަމަށާއި، އެކަމަށް ވަކި ގޮތެއް ނިންމަވާނީ ކުރިއަށް އޮތް މަހުގެ ތެރޭގައި ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް