
އެކްސެލެރޭޓިން ރިނިއުއަބަލް އެނާޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް) މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތުގައި ހިމެނެނީ 15 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފެއްދުމުގެ ނިޒާމު ގާއިމުކުރުމެވެ.
މި ޕެކޭޖުގެ ތެރޭގައި އިރުގެ އަލިން ކަރަންޓު އުފެއްދުމުގެ އިތުރުން، ރަށްރަށުގެ ކަރަންޓު ވިއުގަ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ފުޅާކުރުމާއި، ބެޓެރި އެނާޖީ ސްޓޯރޭޖް ސިސްޓަމް (ބީ.އީ.އެސް.އެސް) ގާއިމުކުރުން ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ބައްދަލުވުންތަކުގެ މައިގަނޑު މަގުސަދަކީ މަޝްރޫއުގެ ލަނޑުދަނޑިތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކޮށް، އިއާދަކުރަނިވި ހަކަތައިގެ މުހިންމުކަމާއި އޭގެ ސަބަބުން ރައްޔިތުންނަށް ލިބޭނެ ފައިދާތައް އޮޅުންފިލުވައިދިނުން ކަމަށެވެ.
މީގެއިތުރުން މި މަޝްރޫއާ ގުޅިގެން ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅޭނެ ނިޒާމާ ގުޅޭ ތަފުސީލުތައް ވެސް މި ސެޝަންތަކުގެ ތެރެއިން ވަނީ ބަޔާންކޮށްދީފައެވެ.
މި ސިލްސިލާ މަޝްވަރާތަކުގެ ތެރެއިން އެންމެ ފަހުން ބައްދަލުވުންތައް ބާއްވާފައިވަނީ ށ. ފުނަދޫގެ އިތުރުން ލ. މާބައިދޫ އަދި އެ އަތޮޅު ކުނަހަންދޫގައެވެ. މި ބައްދަލުވުންތަކުގައި މަޝްރޫއުގެ ޓީމުގެ އިތުރުން ރަށްރަށުގެ ކައުންސިލްތަކުގެ މަންދޫބުންނާއި ކަމާބެހޭ ޔުޓިލިޓީ ކުންފުނިތަކުގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ބައްދަލުވުންތަކުގައި އާންމުން ކުރި ސުވާލުތަކަށް މަޝްރޫއުގެ ޓީމުން ޖަވާބުދީފައިވާއިރު، ރާއްޖެއަކީ ތިމާވެއްޓާ ރައްޓެހި ސާފު ހަކަތައަށް ބަރޯސާވާ ތަނަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ހޯދުމަށް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.





