
ސްޓެލްކޯއިން ހާމަކުރި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް ހއ. އަތޮޅުގެ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ މިހާރު ވަނީ ރަސްމީކޮށް ހަވާލުވެ، އެ މަސައްކަތް ފަށާފައެވެ.
އެ ކުންފުނިން ފާހަގަކުރި ގޮތުގައި، ޚިދުމަތާ ހަވާލުވި ދުވަހުން ފެށިގެން އެ ރަށްރަށުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ސްޓެލްކޯގެ މިންގަނޑުތަކަށް ފެއްތުމުގެ އަމަލީ މަސައްކަތްތައް މެދުކެނޑުމެއްނެތި ދަނީ ކުރެވެމުންނެވެ.
ސްޓެލްކޯގެ މައިގަނޑު އަމާޒަކީ ހއ. އަތޮޅުގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އިތުބާރުހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ކަށަވަރުކޮށްދިނުން ކަމުގައި އެ ކުންފުނިން ބަޔާންކޮށްފައިވެއެވެ.
ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ފަށާފައިވާ މި މަސައްކަތުގެ ތެރެއިން، މީގެކުރިން ސްޓެލްކޯއިން ވަނީ އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ޚިދުމަތާވެސް ރަސްމީކޮށް ހަވާލުވެފައެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވިދާޅުވީ، އެ ކުންފުނީގެ އުއްމީދަކީ ރަށްރަށުގެ ކަރަންޓުގެ ހާލަތު އާންމު ރައްޔިތުން ބަލައިގަންނަ ފަދަ އެދެވޭ ފެންވަރަކަށް ތަރައްޤީކޮށް ރަނގަޅުކޮށްދިނުން ކަމަށެވެ.
ފެނަކަ އުވާލައި އެ ކުންފުނީގެ ޚިދުމަތްތައް ސްޓެލްކޯގެ ބެލުމުގެ ދަށަށް ގެނައުމަށް ސަރުކާރުން ނިންމެވި މައިގަނޑު މަޤްޞަދަކީ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމެވެ.
ހަމައެއާއެކު، ސަރުކާރުގެ މި ހަރުދަނާ ފިޔަވަޅުގެ ސަބަބުން އިތުބާރުހުރި ވަރުގަދަ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދެވިގެންދާނެއެވެ.





