0 comments 36 views
ރައީސްގެ ތަސައްވުރާ އެއްގޮތަށް މާލެ ސަރަހައްދުގެ ކަނޑުއަޑިން ފެން އުފައްދާ އީޖާދީ ނިޒާމެއް ގާއިމުކުރުމުގެ އަމަލީ ދިރާސާތައް އެމްޑަބްލިއުއެސްސީން ފަށައިފި
17 އޮކްޓޯބަރ 2026 (ހޮނިހިރު)   13:11
މާލެ ސަރަހައްދުގެ ކަނޑުއަޑީގައި ފެން އުފައްދާ ނިޒާމެއް ނުވަތަ 'ސަބްސީ ޑީސެލިނޭޝަން' ޕްލާންޓެއް ގާއިމުކުރުމަށްޓަކައި ހަދަންޖެހޭ އަމަލީ ދިރާސާތަކާއި ޓެސްޓުތައް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފަށައިފިއެވެ.

މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް ކުރިއަށްގެންދާ ފުރަތަމަ މަޝްރޫއެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ސަބްސީ ޑީސެލިނޭޝަން ޓެކްނޮލޮޖީއަށް ހާއްސަ ނޯވޭގެ ކުންފުންޏެއް ކަމަށްވާ 'ފްލޯޝަން' އާ ގުޅިގެންނެވެ.

އެމްޑަބްލިއުއެސްސީން ބުނީ، މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2040 ވަނަ އަހަރަށް އެކަށައަޅުއްވާފައިވާ، ތަރައްގީވެފައިވާ ދިވެހިރާއްޖެއެއް ބިނާކުރުމުގެ ތަސައްވުރަށް އެއްބާރުލުން ދިނުމުގެ ގޮތުން ފެށި މަސައްކަތެއް ކަމަށެވެ. މީގެ މައިގަނޑު ބޭނުމަކީ ގައުމީ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ދެމެހެއްޓެނިވި އުމްރާނީ ތަރައްގީ ކުރިއެރުވުމަށް އެންމެ ފަހުގެ އީޖާދީ ޓެކްނޮލޮޖީ ބޭނުންކުރުމެވެ.

މިހާރު ކުރިއަށްދާ ފީސިބިލިޓީ ސްޓަޑީގެ ދަށުން ފްލޯޝަންގެ ޓެކްނިކަލް ޓީމުން ވަނީ ކަނޑުގެ 500 މީޓަރު އަޑިން ފެން ސާމްޕަލް ނަގާފައެވެ. ފުރަތަމަ މަރުހަލާގެ މުއާޔަނާއިން އެއީ އާދަޔާ ހިލާފަށް ސާފު ފެނެއްކަން ދެނެގަނެވިފައިވާ ކަމަށާއި، ލެބޯޓަރީ ތަހުލީލުތަކުން ކަށަވަރުވެއްޖެނަމަ މިއީ ފެން އުފެއްދުމަށް ބޭނުންކުރެވޭނެ އެންމެ މަތީ ފެންވަރުގެ ގުދުރަތީ ފެނުގެ މަސްދަރަކަށް ވާނެ ކަމަށް އެމްޑަބްލިއުއެސްސީން މައުލޫމާތުދެއެވެ.

ފްލޯޝަން ކުންފުންޏާ ހަވާލާދީ އެމްޑަބްލިއުއެސްސީން ހާމަކުރި ގޮތުގައި، ކަނޑުގެ އަޑީގެ ގުދުރަތީ ހައިޑްރޯސްޓެޓިކް ޕްރެޝަރު ބޭނުންކޮށްގެން ހިންގާ މި ނިޒާމުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު 40 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ އަދަދަކަށް ދަށްކުރެވޭނެއެވެ. މީގެ އިތުރުން ކެމިކަލް ބޭނުންކުރަންޖެހޭ މިންވަރު މަދުވެ، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ނުހަނު ބޮޑަށް ކުޑަކުރެވޭނެއެވެ.

މިހާތަނަށް ކުރި ދިރާސާތަކުން މި ޕްލާންޓު ގާއިމުކުރުމަށް އެންމެ އެކަށޭނަ ސަރަހައްދެއްގެ ގޮތުގައި ދެނެގަނެވިފައިވަނީ ގިރާވަރުފަޅާ ދިމާލު ބޭރު ކަނޑެވެ. މި ދިރާސާތަކުގެ ނަތީޖާއަށް ބަލައި މި ޓެކްނޮލޮޖީއަކީ ރާއްޖެއަށް އެންމެ އެކަށީގެންވާ ނިޒާމެއްތޯ ޓެކްނިކަލް އަދި ވިޔަފާރީގެ ގޮތުން އެމްޑަބްލިއުއެސްސީން ވަޒަންކުރާނެއެވެ.

ފްލޯޝަން ކުންފުނީގެ ވެބްސައިޓުގައިވާ ގޮތުން، އެ ކުންފުނިން ވަނީ ނޯވޭގައި ކަނޑުގެ 500 މީޓަރު އަޑީގައި ޕްލާންޓެއް ބަހައްޓައިގެން 6000 ގޭބިސީއަށް ފެން ފޯރުކޮށްދޭން ފަށައިފައެވެ. އަދި ރާއްޖޭގެ މަޝްރޫއުގެ އިތުރުން އެފަދަ 15 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް އެ ކުންފުނިން ވަނީ ރާވާފައެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް