0 comments 42 views
ރާއްޖޭގެ ތަރައްގީގެ ބިޔަ މަޝްރޫއުތަކާއި އިންވެސްޓަރުންނާ ދެކޮޅަށް ފިތުނަ އުފައްދައި ދޮގު ފެތުރުން ހުއްޓާލަން ވަޒީރުން ގޮވާލައްވައިފި
17 އޮކްޓޯބަރ 2026 (ހޮނިހިރު)   14:25
ދިވެހިރާއްޖޭގައި އިންވެސްޓްކުރަން ޝައުގުވެރިވާ ބޭރުގެ ފަރާތްތަކަށް ބިރުދެއްކުމާއި ސަރުކާރުން ހިންގާ ބިޔަ ތަރައްގީގެ މަޝްރޫއުތަކާ ދެކޮޅަށް ދޮގު މައުލޫމާތު ފެތުރުން ވަގުތުން ހުއްޓާލުމަށް އިގްތިސާދީ ވަޒީރު މުޙައްމަދު ސަޢީދާއި ދާޚިލީ ވަޒީރު ޢަލީ އިޙްސާން ގޮވާލައްވައިފިއެވެ.

އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިޔާސީ ހިޔާލުތަފާތުވުންތަކަކީ އިންވެސްޓަރުންނާ ދެކޮޅަށް ކެމްޕެއިންތައް ހިންގުމަށް އޮތް ސަބަބަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، ބޮޑެތި އިންވެސްޓްމަންޓްތަކުން ލިބެންހުރި ފުރުސަތުތަކަށް އަމާޒުކޮށް އިދިކޮޅު ފަރާތްތަކުން ހިންގާ ނޭދެވޭ ކަންކަން ހުއްޓާލަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ސަޢީދު މިހެން ވިދާޅުވީ ނ. އަތޮޅުގެ ފަޅުތަކުގައި ހިންގާ 790 މިލިއަން ޑޮލަރުގެ 'ޕްރޮޖެކްޓް އައިލާ' އާއި، ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހިންގާ މަޝްރޫއުގެ އިތުރުން 'ޕާލް ރެޒިޑެންސީ ޕްރޮގްރާމް' އާ ގުޅުވައިގެން ފަތުރަމުންދާ ދޮގު ހަބަރުތަކާ ގުޅިގެންނެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ވާދަވެރިކަމުގައި ރާއްޖެއާ ދެކޮޅަށް އެފަދަ ދޮގު ވާހަކަތައް ވެގެންދާނީ ވާދަވެރިންނަށް ލިބޭ 'ހިތްގައިމު މިޔުޒިކަކަށެވެ'.

ހަމައެއާއެކު، ރާއްޖޭގެ އިގްތިސާދުގެ މައި ތަނބަކީ ފަތުރުވެރިކަން ކަމަށާއި، ނަފުރަތާއި ހަސަދައިގެ މައްޗަށް އެ ސިނާއަތް ބިނާނުކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖޭގައި ހިނގާނީ ގާނޫނުއަސާސީ އާއި ގާނޫނުތައް ކަމަށާއި، ގާނޫނާ ހިލާފު އެއްވެސް ކަމެއް ސަރުކާރުން ނުހިންގާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.

މީގެއިތުރުން، ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ރަސްމާލެ މަޝްރޫއާ ގުޅުވައިގެން ފިތުނަ ފަސާދަ އުފެދޭ ގޮތަށް މައުލޫމާތު ނުފެތުރުމަށް އެދިވަޑައިގެންފައެވެ. ވަޒީރު ވިދާޅުވީ ދިވެހިރާއްޖޭގެ ކޮންމެ އިންޗިއަކަށް ވެސް ދައުލަތުގެ ސިޔާދަތީ ބާރާއި ސަލާމަތީ ބާރުތަކުގެ ގާނޫނީ ފުރިހަމަ ބާރު ހިނގާނެ ކަމަށާއި، އެނޫން ގޮތަކަށް ސަރުކާރުން އެއްވެސް ނިންމުމެއް ނުނިންމާނެ ކަމަށެވެ.

ރާއްޖޭގައި މިހާރުވެސް 200 އަށްވުރެ ގިނަ ރަށުގައި އެތަންތަނުގެ އަމިއްލަ ސެކިއުރިޓީ ބަލަހައްޓަމުން އަންނަކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ، ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރަންޖެހޭ ހާލަތެއްގައި ރަސްމާލޭގައި ވެސް ފުލުހުންގެ ބާރު ފުރިހަމައަށް ހިނގާނެ ކަމަށެވެ. އަދި ގައުމީ ސަލާމަތަށް ގެއްލުންވާނެ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވައި، މައުލޫމާތު ސާފުކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ރަސްމާލޭގެ އީގަލް ހިލްސް އެއްބަސްވުމުގެ ދަށުން އަމަލީ މަސައްކަތް ފެށުމުގެ ކުރިން ވެސް 5،000 ހައުސިން ޔުނިޓް ނުވަތަ ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ދައުލަތަށް އެޑްވާންސްކޮށް ލިބޭނެއެވެ. އަދި މަޝްރޫއުގެ ފައިސާ ޖަމާވާނީ ސަރުކާރުގެ ބާރު ހިނގާ އެސްކްރޯ އެކައުންޓަކަށް ކަމުން، ޑޮލަރުގެ ދަތިކަން ހައްލުވެ ރަސްމީ ރިޒާވް ވަރުގަދަވާނެއެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް