0 comments 36 views
ފަގީރުކަން ނައްތާލަން ސަރުކާރުން އިސްނަގައިގެން ބާއްވާ އިންޒެކް 2026 ގެ މުހިންމު ކީނޯޓް ސްޕީކަރުން އިއުލާނުކޮށްފި
17 އޮކްޓޯބަރ 2026 (ހޮނިހިރު)   15:31
މޯލްޑިވްސް ޒަކާތު ހައުސްއިން އިސްނަގައިގެން ބޭއްވުމަށް ތައްޔާރުވަމުންދާ "އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް 2026" (އިންޒެކް 2026) ގައި ތަގުރީރުކުރައްވާ ބައިނަލްއަގުވާމީ މުހިންމު ތިން ކީނޯޓް ސްޕީކަރުން އިއުލާނުކޮށްފިއެވެ.

މި މަހުގެ 28 ވާ ބުދަ ދުވަހު މާލޭގެ އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސް ކުރިއަށްދާނީ ހެނދުނު 8:30 އިން ފެށިގެން ރޭގަނޑު 7:00 އަށެވެ. މި އަހަރުގެ ކޮންފަރެންސްގެ މައިގަނޑު ސުރުހީއަކީ "އަދުގެ މުޖުތަމައުގައި ދިމާވާ އިޖުތިމާއީ ނާޒުކު ހާލަތްތަކާއި، އަރާ އިގްތިސާދީ ލޮޅުންތަކާއި، އެއާ ވިދިގެން އެންމެން ގުޅިގެން އެޅިދާނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެނެގަތުން" މިއެވެ.

ޒަކާތު ހައުސްއިން ބުނި ގޮތުގައި، މި މަހާސިންތާގެ މައިގަނޑު އަމާޒަކީ ފަގީރުކަން ނައްތާލުމާއި އިޖުތިމާއީ ރައްކާތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރުކުރުމަށް އީޖާދީ ހައްލުތައް ހޯދުމެވެ. އިސްލާމިކް ސޯޝަލް ފައިނޭންސާއި އިގްތިސާދީ ތަރައްގީގެ ދާއިރާގެ މާހިރުން ބައިވެރިވާ މި ކޮންފަރެންސް ބަހާލެވިފައިވަނީ މައިގަނޑު ތިން ސެޝަނެއްގެ މައްޗަށެވެ.

ފުރަތަމަ ސެޝަން ކަމަށްވާ "ދި އެނަޓޮމީ އޮފް މޮޑަރން ވަލްނަރަބިލިޓީ: ވައި އެންޑް ހައު ފެމިލީސް ފޯލް ބިހައިންޑް" ގައި ތަގުރީރުކުރައްވާނީ މެލޭޝިޔާގެ އުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިޔާގެ އިސްލާމިކް ފައިނޭންސް އެންޑް ވެލްތު މެނޭޖްމަންޓް އިންސްޓިޓިއުޓްގެ ޑިރެކްޓަރ، އެސޯސިއޭޓް ޕްރޮފެސަރ ޑރ. ފުއާދާ ބިންތި ޖޯހަރީއެވެ. އެކަމަނާގެ ވާހަކަފުޅުގައި މާލީ ދަތިތަކުގެ ސަބަބުން އާއިލާތަކަށް ކުރާ ނޭދެވޭ އަސަރުތަކާއި، އެކަން ދާއިމީ ފަގީރުކަމަކަށް ބަދަލުވުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވާނެއެވެ.

ދެވަނަ ސެޝަން ކަމަށްވާ "ދި އާކިޓެކްޗަރ އޮފް ރެޒިލިއަންސް: މަލްޓިސެކްޓަރަލް އެލަޔަންސަސް އެންޑް އިންޓެގްރޭޓެޑް ސޮލިއުޝަންސް" ގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ މެލޭޝިޔާގެ އިންސީފް ޔުނިވަރސިޓީގެ ސެންޓަރ އޮފް އެކްސެލެންސް އިން އިސްލާމިކް ސޯޝަލް ފައިނޭންސްގެ ޑިރެކްޓަރ، ޕްރޮފެސަރ ޑރ. އާމިރު ބިން ޝަހާރުއްދީނެވެ. އެބޭފުޅާގެ ތަގުރީރުގައި އިޖުތިމާއީ ރައްކާތެރިކަން ވަރުގަދަކުރުމަށް ދައުލަތުގެ މުއައްސަސާތަކާއި ޕްރައިވެޓް ސެކްޓަރާއި އެންޖީއޯތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާނެއެވެ.

ތިންވަނަ ސެޝަން ކަމަށްވާ "ފްރޮމް ރެސިޕިއަންޓް ޓު ކޮންޓްރިބިއުޓަރ: އެވިޑެންސް-ބޭސްޑް ސަކްސެސް ސްޓޯރީސް އިން ޕޮވަރޓީ އަލީވިއޭޝަން" ގައި ތަގުރީރުކުރައްވާނީ މެލޭޝިޔާގެ ލެމްބާގާ ޒަކާތު ނެގެރީ ކެޑާގެ އެސިސްޓެންޓް ޗީފް ޑިސްޓްރިބިއުޝަން އޮފިސަރ، މިސްޓަރ ޔޫސުފް ބިން އަހްމަދެވެ. މި ސެޝަންގައި ޒަކާތުގެ އެހީ ލިބޭ ފަރާތްތައް އަމިއްލަ ފައިމައްޗަށް ތެދުވެ، ޒަކާތް ދައްކާ ފުދުންތެރި ބަޔަކަށް ބަދަލުކުރުމަށް ގެންގުޅެވިދާނެ އަމަލީ އިސްތިރާތީޖީތައް ހިއްސާކުރައްވާނެއެވެ.

މި ކޮންފަރެންސަކީ ޒަކާތަކީ ހަމައެކަނި ވަގުތީ މާލީ އެހީއެއްގެ ބަދަލުގައި، އިޖުތިމާއީ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ތަރައްގީގެ ސްޓްރެޓެޖިކް ވަސީލަތަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ފިޔަވަޅެކެވެ. މީގެއިތުރުން ނިކަމެތިކަން މެދުވެރިވާ ސަބަބުތައް ދެނެގަނެ، ހުރިހާ ދާއިރާއެއް ގުޅިގެން މަސައްކަތްކުރާނެ ހަރުދަނާ މަގުޗާޓެއް އެކުލަވާލުމަށްވެސް މި މަހާސިންތާ މަގުފަހިކޮށްދޭނެއެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް